މި މަހު މިހާތަނަށް 200،000 ފަތުރުވެރިންނާ އެކު ރިކޯޑެއް

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު އަދާހަމައިން ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 200،004 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ އެއް މަސް ދުވަހުން މިހާ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

މިއީ 2023 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅައި ބަލާއިރު، 19.9 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި، މިއީ ވޭތުވެދިޔަ ދެ އަހަރާ އަޅާ ބަލާއިރު ވެސް ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިދިޔަ މަހު ވެސް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 190،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އެ މަހު ވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ވަނީ 11.5 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައެވެ.

މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އެހާ ބޮޑު ކުރިއެރުމެއް ހޯދައިފައިވާއިރު، މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 392،389 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އުޅެނީ އިންޑިއާއެވެ. އަދި، މާކެޓުގެ ދެވަނައިގައި ރަޝިއާ އުޅޭއިރު، ތިން ވަނައިގައި އުޅެނީ ޗައިނާއެވެ.

މި މަހުގެ 11 ވަނަ ދުވަހު ވެސް ރާއްޖެއަށް ވަނީ 10،000 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އަދި، ނުހެދި ހުރި ރިސޯޓުތައް ނިންމަން ފަހިކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު މުޅިން އަލަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު ހާސިލުވާނެކަމުގެ އުންމީދު ބޮޑުކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް