މަގާމަށް އައި ޞާލިޙް އެދިގެން، އެކުގައި ތިބެވޭނެކަން ޔަގީން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް ޞާލިޙް: ދެ ބޭފުޅުން އެކުގައި ތިއްބެވޭނެކަން ޝާހިދަށް ޔަގީން -- ފޮޓޯ/ ރައީސް އޮފީސް

އޭނާ އެމްޑީޕީގެ ރައީސަކަށް ވެވަޑައިގަތުމުގެ ކުރީގައި އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް 100 އިންސައްތަ އިތުބާރު އެބައޮތް ކަމަށާއި އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް ޞާލިޙް އެދިވަޑައިގަތުމުން ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކަނި ވާދަކުރެއްވުމާ ގުޅިގެން މިދިޔަ ހަފުތާގައި ވަނީ އިންތިޚާބަކައިނުލާ ޝާހިދަށް އެމްޑީޕީގެ ރައީސްކަން ލިބިފައެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ މެންބަރުން ގިނަ ޕާޓީގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އޭނާ އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން ނިންމީ ޞާލިޙް އެ މަގާމަށް ކުރިމަތިނުލާން ނިންމައި، އޭނާ ގާތުގައި އެ މަގާމަށް ކުރިމަތިލާން އެދިވަޑައިގަތުމުން ކަމަށެވެ.

ޞާލިޙް، އެމްޑީޕީއަށް ދެރަގޮތެއް ނުހަދާނެކަމުގެ ފުރިހަމަ ޔަގީންކަން ޝާހިދަށް އެބައޮތެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޞާލިޙާ ދެ ބޭފުޅުންގެ ދެމެދު އުފެދުނު ހިޔާލުތަފާތުވުން ފަދަ ނުތަނަވަސްކަމެއް ނުއުފެދޭނެކަން އޭނާއަށް ޔަގީނެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން: އޭނާ ވިދާޅުވީ އެމްޑީޕީ އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މާވީ

"އަޅުގަނޑުގެ 100 ޕަސެންޓު ޔަގީންކަން އެބައޮތް ރައީސް ޞާލިޙް އެމްޑީޕީއަށް ދެރަގޮތެއް، އެމްޑީޕީގެ މަސައްކަތްތަތަކަށް ދެރަވާނެ ގޮތެއް ނުހައްދަވާނެކަމުގެ،" އޭނާ ވިދާޅުވިއެވެ.

އެތެރޭ ހަމަނުޖެހުންތަކެއްގެ ތެރެއިން ބޮޑެތި ބައިބައިވުންތަކެއް ކަޑައްތުކޮށްފައި މިއަދާ ހިސާބަށް ވާރުތަވެފައި އޮތް އެމްޑީޕީގެ ހުންގާނައި ހަވާލުވެ، ޝާހިދަށް އޮތީ ބޮޑު މަސައްކަތްތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަމުގައި އޭނާއާ އެކު ބައިވެރިވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން ޞާލިޙް ދެއްވިއެވެ.

"އަޅުގަނޑު މި މަގާމަށް ކުރިމަތިލީ ރައީސް ޞާލިޙް މަގާމަށް ކުރިމަތިނުލައްވާނެކަމަށް ވިދާޅުވީމާ،" ޝާހިދު ކިޔައިދެއްވިއެވެ.

"އަޅުގަނޑު ކައިރީގައި ވިދާޅުވީ މަގާމަށް ކުރިމަތިލުމަށް. އަޅުގަނޑު މި މަގާމަށް ކުރިމަތިލީ އަޅުގަނޑާ އެކުގައި އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ހާއްސަކޮށް ލީޑާޝިޕްގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވީމާ،"

އެއީ، މި ވަގުތު ޕާޓީގައި ކުރަންޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތެވެ. ލީޑާޝިޕާއި އާންމު މެންބަރުން ވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޮކްޓޫބަރ 21، 2020: އަބްދުﷲ ޝާހިދު: އޭނާ ވިދާޅުވީ އަބަދު ވެސް ކުރެއްވީ ޓީމް ބިލްޑިންގެ މަސައްކަތް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު، އެމްޑީޕީގެ 13 މެންބަރުން ކުއްލިއަކަށް އާ ސަރުކާރާ ވެސް ގުޅުނެވެ. އޭގެ ކުރިން، ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތައް ފަޅައިގެން ގޮސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން ވެސް އޮތީ ޕާޓީ ދޫކޮށްލައިފައެވެ.

"އެމްޑީޕީގެ ލީޑާޝިޕަކީ އެކުގައި މަސައްކަތްކުރާ ލީޑާޝިޕަކަށް ވާންޖެހޭ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ޔަގީންކޮށްދޭނަން. އެމްޑީޕީގެ ސަފުތައް އެކުވެރިވެ، އެއްބައިވަންތަވާންވީ. އަޅުގަނޑުގެ މުޅި މަސައްކަތަކަށް ވާނީ އެކަން ކުރުން،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާޒީއަށް ބަލައިލުމުން އޭނާ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވެސް ކުރައްވާފައި އޮތްތަން ފެންނާނީ "ޓީމް ބިލްޑިން"ގެ މަސައްކަތް ކަމަށެވެ.

ޝާހިދު (ކ)، ކުރީގެ ރައީސް ޞާލިޙް (މ) އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ވ): ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕް އެކުގައި ތިބި ކަމަށް -- ފޮޓޯ/ އެމްޑީޕީ

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވިއިރުގައި ވެސް އަދި އޭގެ ފަހުން ފޮރިން މިނިސްޓަރުކަމުގައާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ކުރެއްވި އެންމެ ބޮޑު މަސައްކަތަކީ ޓީމެއް ބިނާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކިއެކި ސިޔާސީ ފިކުރުތަކާ އެކު މަޖިލީހުގައި ކުރެއްވި މަސައްކަތުގެ އިތުރުން، އެކިއެކި ނަސްލުތަކުގެ މީހުންނާ އެކު ޚާރިޖީ ވުޒާރާގައާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ކުރެއްވި މަސައްކަތުގެ ތަޖުރިބާއިން އެމްޑީޕީއަށް ވެސް އެ އެއްބައިވަންތަކާއި އެއް ރޫހެއް ގެނައުން އެއީ ޝާހިދުގެ މި ވަގުތުގެ އެންމެ ބޮޑު އަމާޒެވެ.

"އަޅުގަނޑު ޔަގީންކުރަން އަޅުގަނޑަށް މި ވަގުތު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުންނާ އެކު އަދި ރައީސް ޞާލިޙް ވެސް ބައިވެރިވެވަޑައިގަންނަވައިގެން އެމްޑީޕީ ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންދެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް