ތުރުކީން އުފެއްދި ''ކާން'' މަރުކާގެ ފައިޓާޖެޓަކީ ފަސްވަނަ ޖީލުގެ ޖެޓެއް: އުރުދުޣާން

ތުރުކީން އުފެއްދި ކާން މަރުކާގެ ޖެޓް އުދުހެނީ

އަންކަރާ (27 ފެބްރުއަރީ 2024): އަމިއްލަ ޓެކްނޮލޮޖީގައި ތުރުކީން އުފެއްދި "ކާން" މަރުކާގެ ފައިޓާޖެޓަކީ ފަސްވަނަ ޖީލުގެ ޖެޓެއްކަމަށާއި އެޖެޓްގައި ހިމެނޭ ފަސްވަނަ ޖީލުގެ ޓެކްނޮލޮޖީއަކީ ދުނިޔޭގެ މަދު ގައުމެއްގައި ނޫނީ ނެތްފެންވަރުގެ ޓެކްނޮލޮޖީއެއްކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ހަތިޔާރުގެ ޓެކްނޮލޮޖީގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ތުރުކީ ކުރާ މަސައްކަތްތަކާބެހޭގޮތުން އުރުދުޣާން ވިދާޅުވީ މިދިޔަ ހަފުތާގައި ތުރުކީން ކާމިޔާބުކަމާއެކު ތަޖުރިބާކުރި "ކާން" މަރުކާގެ ފައިޓާޖެޓަކީ ހަތިޔާރުގެ ޓެކްނޮލޮޖީގައި އަމިއްލަ ފައިމައްޗަށް ތެދުވަން ތުރުކީ ކުރާ މަސައްކަތުގައި ކަޑައްތު ކުރެވުނު މުހިއްމު އަދި ބޮޑު މަރުހަލާއެއް ކަމުގައެވެ.

ރައްޔިތުންގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވިގޮތުގައި ފައިޓާ ޖެޓްގެ އިތުރުން ޑްރޯންއާއި ހަނގުރާމައިގެ ޓޭންކާ ރާޑަރާއި ސަވައިލެންސް ވަސީލަތްތައް އެކިބާވަތުގެ އިލެކްޓްރޯނިކް ހަތިޔާރު އުފެއްދުމުގައި ތުރުކީވަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައެވެ. މީގެއިތުރުން މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ތުރުކީން ބޮޑެތި އިންވެސްޓްމަންޓްތަކެއް ފަށައި އެކަމާގުޅޭ ބޮޑެތި ރީސާޗްތަކެއް މިހާރު ހަދަމުން ގެންދާކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އަމިއްލަ ޓެކްނޮލޮޖީގައި ތުރުކީން އުފެއްދި "ކާން" މަރުކާގެ ފައިޓާޖެޓް ތަޖުރިބާކުރުމުގެ ގޮތުން މިދިޔަ ހަފުތާގައި އެޖެޓްވަނީ އަންކަރާގެ އުތުރުގައިވާ ވައިގެ ބޭސްއަކުން ނައްތާލުމަށްފަހު ވައިގެ ތެރޭގައި އެތައް އިރަކު އުދުހުމަށްފަހު އަނބުރައި އެބޭސްއަށް ޖައްސާފައެވެ.

ތުރުކީން އުފެއްދި ފައިޓާޖެޓް "ކާން" އަންކަރާގެ އުތުރުގެ ވައިގެ ބޭސް އަކުން ނައްތާލަން ތައްޔާރުވަނީ

ތުރުކީގެ ޑިފެންސް އިންޑަސްޓްރީ އެޖެންސީގެ ވެރިޔާ ޚަލްގޫގް ގާގުން ވިދާޅުވިގޮތުގައި "ކާން" މަރުކާގެ ފައިޓާޖެޓްގައި މިހާރު ބޭނުންކުރަނީ އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުންޏާއި ތުރުކީ ގުޅިގެން އުފެއްދި އެފް 100 ގެ ޖެޓް އިންޖީނުގެ ދެ އިންޖީނެވެ. ނަމަވެސް ތުރުކީ އަމިއްލައަށް ޖެޓް އިންޖީނު އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ކުރިޔަށްއޮތް ހަތަރުވަރަކަށް އަހަރުތެރޭގައި "ކާން" މަރުކާގެ ފައިޓާޖެޓްގައި އަޅާނީ ސައްތައިން ސައްތަ ތުރުކީގެ އަމިއްލަ ޓެކްނޮލޮޖީގެ އިންޖީނުތައްކަމަށް އޭނާ ވިދާޅުވިއެވެ.

"ކާން" މަރުކާގެ ފައިޓާޖެޓް އުފެއްދުމުގެ މަޝްރޫއު ތުރުކީން ފަށާފައިވަނީ 2016 ވަނައަހަރުއެވެ. މިމަޝްރޫޢުގެ ނަމަކީ ޓީ.ވީ.އެކްސް. އެވެ. ތުރުކީގެ އަމާޒަކީ އެގައުމުގެ ވައިގެ ސިފައިންނަށް ބޭނުންވާ ފައިޓާޖެޓްގެ ބޮޑުބައެއް އަމިއްލަ ޓެކްނޮލޮޖީގައި އުފެއްދުންކަމަށް ތުރުކީގެ ޑިފެންސް އިންޑަސްޓްރީ އެޖެންސީގެ ވެރިޔާ ޚަލްގޫގް ގާގުން ވިދާޅުވިއެވެ.

ތުރުކީ ދާދިފަހުންވަނީ ސެޓަލައިޓް އުފެއްދުމުގެ މަސައްކަތްވެސް ފަށާފައެވެ. މިސައިލް ޓެކްނޮލޮޖީއާއި ސެޓަލައިޓް ފަދަ ފަޒާގެ ޓެކްނޮލޮޖީއާއި ނިއުކްލިޔާ ޓެކްނޮލޮޖީގައި ތުރުކީ އުޅެނީ ތަންކޮޅެއް ފަހަތުގައެވެ. އެހެންކަމުން ތުރުކީ މިހާރުވަނީ މިތިންދާއިރާގެ ޓެކްނޮލޮޖީ ތަރައްގީކުރުމަށް ޚާއްސަ އިސްކަމެއް ދީފައެވެ.

ތުރުކީއަކީ ކުރިން ހަމައެކަނި އެމެރިކާގެ ހަތިޔާރަށް ބަރޯސާވި ގައުމެކެވެ. ނަމަވެސް އުރުދުޣާންގެ ވެރިކަމުގައި ތުރުކީވަނީ އެމެރިކާއަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ފަށާފައެވެ. އަދި ރަޝިއާގެ މަތީފެންވަރުގެ ވައިގެ ދިފާއީ ނިޒާމެއްކަމަށްވާ "އެސް 400" މަރުކާގެ ދިފާއީ ނިޒާމެއްވެސް ތުރުކީވަނީ ގަނެފައެވެ.

މިމައްސަލާގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާވެސް ތުރުކީވަނީ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް ތުރުކީވަނީ އެމެރިކާއަށް ދޫ ނުދީ އަމިއްލަ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައާއި ރަޝިއާފަދަ ގައުމުތަކުން ހައިޓެކް ހަތިޔާރު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންދަން ނިންމާފައެވެ. މިމައްސަލާގައި އެމެރިކާގެ ނުރުހުމާއި ފިއްތުންތައް ތުރުކީއަށްވަނީ އަމާޒުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް