އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި

އެކްސިޑެންޓުގައި ގެއްލުންވި ދެ ކާރު ---- ފޮޓޯ/އެމްވީ ކްރައިސިސް

އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ ކަރާކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އެ ސިޓީގެ ކައުންސިލް މެންބަރު ހުސެއިން ޒަރީރު ވިދާޅުވީ، ހިތަދޫ ސިޓީ ކައުންސިލް އޮފީސް ކައިރީ ދެ ކާރު ޖެހިގެން ހެނދުނު 8:15 ހާއިރު އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި ނޫކުލައިގެ ކާރެއް ފުރޮޅައިލާފައިވާ ތަން ފެނެއެވެ. ދެން އޮތް ހުދު ކުލައިގެ ކާރުގެ ކުރިމައްޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ތަން ފޮޓޯތަކުން ފެނެއެވެ.

ޒަރީރު ވިދާޅުވީ، އެކްސިޑެންޓުގައި ދެ ކާރަށް ގެއްލުންވެފައި ވިޔަސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެކަމަކު، ދެ ކާރަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް 4،483 އެކްސިޑެންޓު ހިނގާފައިވެއެވެ. އިއްޔެ ފަތިހު، ހުޅުމާލޭގައި ވެސް ދެ ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގިއެވެ.

comment ކޮމެންޓް