އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކާ މިންވަރު 2023 ވަނަ އަހަރުގެ ފުރަތަމަ ހަ މަހާއި އަޅާބަލާއިރު، އަހަރުގެ ދެވަނަ ކުއާޓަރުގައި 62 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމެރިކާގެ ދިރާސާކުރާ ޖަމިއްޔާއެއްކަމަށްވާ ހޭޓް ލެބުން ބުނެފިއެވެ.
އިންޑިއާ ހޭޓް ލެބުން އާންމުކުރި އެ ދިރާސާ ރިޕޯޓުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު މުސްލިމުންނަށް އަމާޒުކޮށް ނަފްރަތުގެ ވާހަކަ ދައްކައިފައިވާ 668 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 255 ހާދިސާ ހިނގާފައިވަނީ ފުރަތަމަ ކުއާޓަރުގައެވެ. އަދި 413 ހާދިސާހިނގާފައިވަނީ ފަހު ހަ މަސް ދުވަހު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ހާދިސާތަކުގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ ނުވަތަ 498 ހާދިސާ ހިނގާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ގައުމިއްޔަތު ވެރި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވެރިކަންކުރާ ސްޓޭޓްތަކުގައި ކަމަށް ރިޕޯޓުގައިވެއެވެ. މުސްލިމުންނަށް އަމާޒުކޮށް ނަފްރަތު އުފެދޭ ވާހަކަތައް އެންމެ ގިނައިން ދައްކާފައިވަނީ މަހާރާޝްތުރާ، އުއްތަރު ޕްރަދޭޝް އަދި މަދްޔަ ޕްރަދޭޝް ސްޓޭޓްތަކުގައެވެ.
ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ހަމަލާދޭން ފަށައިފައިވާއިރު، އެ ހަނގުރާމައާ ގުޅިގެން މުސްލިމުންނަށް އަމާޒުކޮށް ދައްކާ ވާހަކަތައް ވަނީ އިތުރުވެފައެވެ. އެގޮތުން އޮކްޓޫބަރު 7 ން ފެށިގެން 31 ޑިސެމްބަރު ގެ ނިޔަލަށް އިންޑިޔާގައި މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެދޭފަދަ 41 ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުން 2014 ވަނަ އަހަރު އިންޑިޔާގެ ބޮޑު ވަޒީރުކަމަށް ވަޑައިގެންފައިވާ، ނަރެންދްރާ މޯދީގެ ވެރިކަމުގައި އިންޑިޔާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ވަނީ އިތުރުވެފައެވެ. އެގޮތުން މުސްލިމުންގެ ގެދޮރު ހަލާކުކުރުމާއި، ކަރްނާޓަކާ ސްޓޭޓްގައި ބީޖޭޕީގެ ވެރިކަން އޮތްއިރު، އެ ސްޓޭޓްގެ ސްކޫލްތަކަށް ބުރުގާ އަޅައިގެން ދިއުން މަނާކުރުންފަދަ ކަންކަން ވަނީ ކޮށްފައެވެ.
ނަމަވެސް މޯދީގެ ސަރުކާރުން ވަނީ މުސްލިމުންނާ ދެކޮޅަށް އެއްވެސް އަމަލެއް ހިންގާ ކަމަށް ދެކޮޅު ހަދައިފައެވެ. އަދި އެ ގައުމުގެ ސިޔާސަތުތަކުގެ މަގުސަދަކީ ހުރިހާ ރައްޔިތުންނަށްވެސް ފައިދާ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.
އެކަމާބެހޭގޮތުން އެމެރިކާގައި ހުންނަ އިންޑިޔާ އެމްބަސީ އާއި އިންޑިޔާގެ ހާރިޖީ ވުޒާރާއިންވެސް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.
އިންޑިއާގައި ފާއިތުވި އަހަރުތަކުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރުވެގެން ގޮސްފައި ވާއިރު، މި އަހަރު ތެރޭގައި އެ ގައުމުގެ ގިނަ ދުވަސްވީ މިސްކިތްތައް ވެސް ވަނީ ބިމާ ހަމަކޮށްފައެވެ.