1800 މީޓަރުގެ ރަންވޭއަކާއެކު މަކުނުދޫ އެއާޕޯޓު މިއަހަރަށް ނިންމަނީ

ހދ. މަކުނުދޫ --- ފޮޓޯ/ މުހައްމަދު ވާސިފް

ހދ. މަކުނުދޫގައި އަޅާ އެއާޕޯޓުގެ ރަންވޭ 1500އިން 1800އަށް ބޮޑުކޮށް މިއަހަރު ނިންމަން މަސައްކަތް ކުރާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ހދ.މަކުނުދޫ، ލިބަޓީ، އިފާސާ އަޙްމަދު ވަނީ މަކުނުދޫ ރައްޔިތުންނަށް ކުރިމަތިވާ ދަތުރުފަތުރު ކުރުމުގެ ދަތިތައް ހިއްސާކޮށްފައެވެ. އަދި މަކުނުދޫ ވައިގެ ބަނދަރުގެ މަސައްކަތް ނިމި ދަތުރުފަތުރުކުރަން ފެށޭނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަކުނޫގައި ދަތުރުފަތުރުގެ ދަތިކަން ބޮޑު މިންވަރު އެމަނިކުފާނަށް އެނގިލައްވާކަމަށެވެ.

"ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމެން ވާއިރަށް އަޅުގަނޑު މި ބަލަނީ އެތަން ހުޅުވޭތޯ،" ރައީސް ވިދާޅުވިއެވެ.

މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22ގައެވެ. އެ މަސައްކަތް 366 ދުވަހުގެ ތެރޭ ނިންމަން ޖެހޭއިރު މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 3،493 މީޓަރުގެ ރިވެޓްމެންޓު ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް