މީގެ ދެ އަހަރު ކުރިން 2022ވަނަ އަހަރު ސޯޝަލްމީޑިއާގައި އެންމެން ހައިރާންކޮށްލީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއް ފައި ނެތް ޝަވަން މުޙައްމަދު ފުޓުބޯޅަ ކުޅެން ހުއްޓާ ފެނުމުންނެވެ. އޭރު ގިނަ ބައެއްގެ ތައުރީފު ޝަވަން އަށް އޮއްސާލީ އެއްފައި ގައި، އޭނާ ދަނޑު މައްޗަށް ކުޅެން އަރައި ދެއްކި ހިތްވަރުންނެވެ.
މިއަދު އަނެއްކާ ވެސް ޝަވަން މިވަނީ ދަނޑުމަތިން ގިނަ ބަޔަކު ހައިރާން ކުރުވާފައެވެ. ނަމަވެސް، މިއަދު އޭނަގެ ހުނަރު ދެއްކީ މަސްނޫއީ ފަޔާއެކުއެވެ. މިއީ އޭނާ މަސްނޫއީ ފަޔާއެކު ދަނޑުމައްޗަށް އަރާ ކުޅުނު ފުރަތަމަ ފަހަރެވެ.
ޝަވަންގެ ވީޑިއޯ 2022ވަނަ އަހަރު ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު، އޭރު ޔޫތު މިނިސްޓަރަށް ހުންނެވި އަހުމަދު މަހުލޫފު ވަނީ ޝަވަންއާ ބައްދަލުކޮށް، ކުޅިވަރު ކުޅުމަށް ބޭނުންވާނެ ޕްރޮސްތެޓިކް ފަަޔެއް ނުވަތަ ރަނިންގް ބްލޭޑެއް ހޯދަދޭނެ ކަމަށް ވިދާޅުވެފައެވެ. އެ ވައުދު ފުއްދަވައި މަހުލޫފް ވަނީ ޝަވަންއަށް ރަނިންގް ބްލޭޑެއް ހޯދައިދެއްވާފައެވެ.
ޝަވަންއަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އޭނާގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަންޏެވެ.
އޭގެފަހުން، މިއަދު ޝަވަން ވަނީ ހދ. މަކުނުދޫގައި އެރަށު ސުކޫލުން ބޭއްވި އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުގައި ކުޅެން އަރާފައެވެ. މިހާރު އުމުރުން ނުވަ އަހަރުގެ ޝަވަން އެހެން ކުދިންނެކޭ އެއްގޮތަށް ބޯޅަ ހޯދަން މަސައްކަތްކުރެއެވެ. އެހެން ކުދިންނާ އެއް ހަމައެއްގައި ޓީމު މޮޅު ކުރަން ޝަވަން އެ މެޗުގައި މަސައްކަތް ކުރެއެވެ.
އެ މަންޒަރު ބަލަން އެންމެން ތިބީ އުފަލުން ފޮޅިފައެވެ. ޝަވަންގެ ހިތްވަރުން މެޗު ބަލަން ތިބި މީހުންގެ ޖޯޝާއި ފޯރި އިތުރުކޮށްދިނެވެ.
ޝަވަންގެ މަންމަ އާއިޝަތު ވިޝާހު "ސަން"އަށް ބުނީ، މަސްނުއީ ފައިގައި ޝަވަން އަލަށް ކުޅެން އެރުމުން އެކަމާ ވަރަށް އުފާވާ ކަމަށެވެ. ޝަވަންއަށް މަސްނޫއީ ފައެއް ހަޖައިދިނުމަކީ އެންމެ ކުރިން ފެށިގެން ވެސް ދެކެމުން އައި ހުވަފެންކަން ފާހަގަކޮށް އޭނާ ވަނީ، އެކަމަށް އެހީވި ހުރިހާ މީހުންނަށް ޝުކުރު އަދާކޮށްފައެވެ.
"އަސްލު ވަރަށް އުފާވޭ. ބޭނުންވޭ އެކަންތައް ކޮށްދިން މީހުންނަށް ޝުކުރުވެރިވާން ވެސް. ޚާއްސަކޮށް ރަނިން ބްލޭޑް ދިނީ މަހުލޫފު، މަހުލޫފުއަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރަން ބޭނުން" ވިޝާހު އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.
ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވިޝާހު ބުނީ، ފުޓުބޯޅަ ކުޅުމާއި ސްކޫލުގެ އިތުރު ހަރަކާތަކުގައި ބައިވެރިވުން ފަދަ ހުރިހާ ކަމެއް ޝަވަން ކުރާ ކަމަށެވެ.
ޝަވަންގެ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެއީ އޭނާގެ ކުރިމަގަށް އޮތް ހުރަހެއްކަމަށް ނުދެކޭ ކަމަށް ވިޝާ ބުންޏެވެ. އެހެންކަމުން ޝަވަން އަބަދު ވެސް ގެންގުޅެނީ މީހުންގެ ތެރެއަށްނެރި މީހުނާއެކު ކަމަށް ވިޝާ ބުންޏެވެ.
ރަށްޓެހިންނާއެކު ކުޅެ މަޖާކުރާއިރު އާދައިގެ ކުއްޖަކާ ޝަވަން އާ އެއްވެސް ތަފާތެއް ނުހުންނަކަމަށް އޭނާ ބުންޏެވެ. އަދި އެގޮތަށް ޝަވަން ވެސް ނުދެކޭކަމަށް އޭނާ ބުންޏެވެ.