ކުރީ ސަރުކާރުން ފަރުވާކުޑަކޮށްގެން ކުވެއިތު ފަންޑުގެ ހިލޭ އެހީތަކެއް ގެއްލުނު: ރައީސް

ރައީސް ޑރ. މުއިއްޒު ހަނިމާދޫގައި ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ނިމިދިޔަ ސަރުކާރުން، ރަށްތަކެއްގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކަކަށް ކުވެއިތު ފަންޑުގެ ހިލޭ އެހީ ހަަމަޖެހިފައިވަނިކޮށް، އެ މަޝްރޫއުތަކުގެ މަސައްކަތް ލަސްކުރުމުން، ފަހުވަގުތު އެ ހިލޭ އެހީ ނުދޭން ކުވެއިތު ފަންޑުން ނިންމައިފައި އޮތް ކަން ހާމަވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް މިހާރު ރައީސް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ހަނިމާދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހަނިމާދޫ ހޮސްޕިޓަލުގެ މަޝްރޫއު ކުރީ ސަރުކާރުން އޮތީ ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.

އޭގެ އިތުރުން 30 އެނދުގެ ހޮސްޕިޓަލް އަޅަން އެ ރަށާއެކު އިތުރުން ތިން ރަށެއްގައި ސޮއިކޮށްފައި އޮތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައިފައި އޮތް މަޝްރޫއުތަކެއް ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ލަސްކުރުމުގެ ނަތީޖާއަކަށްވީ އެހީ ގެއްލުންކަމަށް ވިދާޅުވިއެވެ.

"ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައްދީފައި އޮތީ. މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް، ކުވެއިތު ފަންޑުން އެންމެފަހުން ފަންޑު އަނބުރައި ގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ އިދާރާއެއްގައި ވެސް މާލީ އެހީ ދިނުމުގެ ނިޒާމުތަކެއް އޮންނަ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގެ" ފަރުވާކުޑަކަމުގެ" ސަބަބުން އެ ފަންޑު ގެންދިޔައީކަމަށް ވިދާޅުވިއެވެ.

"ގެންދިޔައީމާ މި ރަށް ހިމެނޭ ގޮތަށް، އަނެއް ތިން ރަށަށް ވެސް މަޝްރޫއު ގެއްލުނީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ސަރުކާރެއްގައި ކަންކަން ބޮއްސުންލައިގެން ދާނެ މިންވަރުގެ މިސާލެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތައް އަލުން ގެނެސް ހިންގޭތޯ މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް