ލޯންޗު އެކްސިޑެންޓު: ހާލު ސީރިއަސްވި އެކަކު އަދިވެސް އައިސީޔޫގައި

ވިލިމާލެ ކައިރިން ލޯންޗު އެކްސިޑެންޓުވި ހާދިސާގައި އަނިޔާވި މީހެއް: އެ ހާދިސާގައި ހާލު ސީރިއަސްވި އެކަކު އަދިވެސް އޮތީ އައިސީޔޫގައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވިލިމާލެ ކައިރީގައި ދެ ލޯންޗު ޖެހި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ޖުމުލަ 13 މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔައެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފެށިއެވެ.

އެ މީހުންގެ އަދާހަމަ ހިއްސާކުރަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައި މީހުންގެ ތެރެއިން އެކަކު މިހާރު އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެކަމަކު، އަނެއް މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި މިހާރު ވެސް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ހާދިސާއާ ގުޅިގެން ލިބުނު އަނިޔާގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއްނުވެއެެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އެ ހާދިސާގައި އަނިޔާވި 13 މީހަކު ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި، ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ 10 މީހުންނާއި އަނަންތާރާ3 ލޯންޗުގެ ތިން މީހަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ އެކު ވިލިމާލެ ދެ ކަނޑުއޮޅިން ދަތުރު ކުރުން މަނާކަން މިނިސްޓްރީން ވަނީ ހަނދާކޮށްދީފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި އެ ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ ވިލިމާލެ-މާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓު މިނިސްޓްރީން އޮތީ ކުރިން މަނާކޮށްފައި ކަމަށެވެ.

އެ ދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރު ވެސް މިނިސްޓްރީން ދީފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް