މި ސަރުކާރުން ހަވާލުވުމަށްފަހު މިހާރު 30 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓަށް ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމޭއިރު 130 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ކެލައަށް ވަޑައިގެންފައިވާއިރު އެ ރަށުގައި ވެސް ވަނީ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފައެވެ. އޭނާ މިފަދައިން ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިންނެވެ.
"ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިތާ ތިންމަސް ދުވަހުގެ ތެރޭގައި 30 މިލިއަން އެމެެރިކާ ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އެހެރީ ޖަމާކޮށްފައި މިހާރު. މިއީ ވެރިންނަކީ. މިއީ ގައުމު ދެކެ ލޯބިވާ ވެރިންނަކީ،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ގޮތަށް ޖަމާކުރެވޭނަމަ "މި އަހަރު ނިމޭއިރުގައި 130 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ރައްޔިތުންގެ ފަހަށް ރައްކާ ކުރާ ފަންޑަށް ޖަމާވަމުންދާނެ" ކަމަށެވެ.
މިއީ އިގްތިޞާދީ ގޮތުން ޒިންމާ ނެގޭނެ، ހެޔޮ ބަދަލެއް ކަމަށާއި އިގްތިޞާދު ކުރިއަރާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ކުރިން ސައީދުވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ކުރިން ޖަމާކުރަން ޖެހޭ ފައިސާތަކެއް ކުރީ ސަރުކާރުން ބޭނުންކޮށްފައި ހުރިކަމަށް ވިދާޅުވެފައެވެ.
އެއީ ދައްކަންޖެހޭ ދަރަނިތައް ދައްކަން އެއްކުރަމުން އައި ފައިސާކަމަށް ސައީދު ވިދާޅުވިއެވެ. އޭގެ ސަބަބުން ޑޮލަރުގެ މައްސަލަ ވެސް ކުރިމަތިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.