ރޯދަމަހު ބޭންކަށް ނުގޮސް ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތް ހަމަޖައްސަނީ

ޭބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް، ރޯދަމަހު ބޭންކަށް ނުގޮސް ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތް ހަމަޖައްސަނީ:---ޕޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލައިޒޭޝަން ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، މި ފެށޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިން ޚިދުމަތެއް ލިބޭނެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފިއެވެ.

އެގޮތުން މިހާރެކޭ އެއްފަދައިން ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޝެނަލް ތަކުން، ފައިސާ ޖަމާކުރުމާއި ނެގުން، ފައިސާ ޓްރާންސްފާ ކުރުން، ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، މުދާގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުން އަދި ލުއި ލޯނާއި ފައިނޭންސް ދޫކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުމާއި އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުމާއި ޒަކާތް ދެއްކުންވެސް ހިމެނެއެވެ.

ބީއެމްއެލްއިން އަންނަނީ އެ ކުންފުނީގެ ޚިދުމަތްތައް ފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރޯދަމަހު އެއްވަނަ ދުވަހުން ފެށިގެން ކަަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އައު ޚިދުމަތްތައް:

1. އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުމާއި މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓް ވެސް އޮންލައިންކޮށް ހުޅުވުން

2. ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން

3. ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން

4. ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން މަރުހަލާ ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން

5. ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން ފަސްހާސް ޑޮލަރުންފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން.

6. ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު ދެލައްކަ ރުފިޔާއަށް އިތުރު ކުރުން

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް، ރޯދަމަހު ބޭންކަށް ނުގޮސް ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތް ހަމަޖައްސަނީ:---ޕޮޓޯ/ބީއެމްއެލް

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބައެއް ޚިދުމަތްތަކަށް ބަދަލުގެންނަކަމަށެވެ. އޭގެތެރޭގައި

  • ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ޚިދުމަތް ފެށުން ވެސް ހިމެނެއެވެ.
  • މިފަދަ ކާޑުތައް އެކްޓިވޭޓްކޮށް ޕިން ބަދަލުކުރެވޭނީ އިންޓަނެޓް ބޭންކިން ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށްގެންނެވެ.
  • ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީއޯއެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދޭނެއެވެ.
  • ދިމާވާ ގޮތަކުން އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ ގަޑިއިރެއްތެރޭ އެކައުންޓަށް އަނބުރާ ޖަމާކޮށްދެވޭކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.

ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ޚާއްސަ ޚިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމާއި، ކަސްޓަމަރުން ބޭންކާ މުޢާމަލާތް ކުރުމަށް 24 ގަޑިއިރުގެ ޚިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބާއިން މެސެޖް ކުރެވޭނެކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ.

ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30އިން މެންދުރު 12:30 އާ ހަމައަށެވެ. މާރިޗުމަހު 27 އަދި 29ވަނަ ދުވަސް ފިޔަވައި ރަމަޟާން މަހު ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ޚިދުމަތެއް ދިންކަމުގައި ވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސިން ބުނެއެވެ.

ގޭގައި ނުވަތަ އޮފީހުގައި ތިބެ ފަސޭހަކަމާ ރައްކާތެރިކަމާއެކު ބޭންކުގެ ޚިދުމަތް ހޯއްދެވުމަށް ބޭންކް އޮފް މޯލްޑިވްސިން ވަނީ އިލްތިމާސް ކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ޑިޖިޓަލް ބޭންކިންގ ޚިދުމަތް އެންމެ ފުޅާކޮށް ދެމުންދާ ބޭންކެވެ. އަދި ރާއްޖެއަށް އިންޓާނެޓް ބޭންކިންގ، މޮބައިލް އެޕް، ކާޑާއި ސެލްފްސާވިސްގެ އިތުރުން މޮބައިލް ވޮލެޓްގެ ޚިދުމަތް ފަދަ ގިނަ ޑިޖިޓަލް ބޭންކިން ޚިދުމަތްތައް ތައާރަފްކޮށްފައިވަނީވެސް ބީއެމްއެލް އިންނެވެ.

comment ކޮމެންޓް