ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވާގޮތަށް އެކުލަވާލަވާލި ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން 50 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށާއި އެއާއެކު ރިޒާވް މަތިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
އެމްއެމްއޭއިން މިއަދު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ ޖަނަވަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގައެވެ. އެއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭއިން ބުނީ އެ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ޚަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުން ކަމަށެވެ. އެގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓު އިތުރުވެފައިކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.
މީގެ އިތުރުން ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން އެ މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައިވުމަކީ ވެސް ރިޒާވް އިތުރުވި ސަބަބެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވެއެވެ.
"އަދި މި މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން %90 ރިޒޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާތީ، ފަތުރުވެރިކަމުގެ ސިނާއަތުން މިކަމަށް ލިބޭ އެއްބާރުލުން ފާހަގަކުރަމެވެ." އެމްއެމްއޭގެ ބަޔާނުގައިވެއެވެ.
އެމްއެމްއޭއީން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ.
އެ ގަވައިދު ތަންފީޒު ކުރުމަށް ފަހު، އެކަމާ ބެހޭ ގާނޫނެއް ހެދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވައެއްގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ނަމަވެސް ބިލުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ.
އެ ގާނޫނު ފާސްކުރީ އިތުރު ލުއިތަކެއް ދިނުމަށްފަހު ކަމަށްވާއިރު އޭގެ ތެރޭގައި، ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ. އަދި ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ވެސް އިޚުތިޔާރު ދީފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 12ގައި އެ ބިލް ފާސްކުރުމުން، އޭގެ ދެ ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވިއެވެ.
ރާއްޖޭގެ ރިޒާވް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދަރަނި ނުދެއްކި ދާނެ ކަމުގެ އިންޒާރު ވެސް ބޭރުގެ މާލީ އިދާރާތަކުން ދިނެވެ. އަދި ސަރުކާރަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ޚަރަދުތައް މަދުކޮށް، އިގުތިސާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުން ހިމެނެއެވެ.