މި އަހަރުގެ ތެރޭގައި ވަށަފަރުގެ ބިން ހިއްކަން ފަށަނީ

ހއ.ވަށަފަރު ބަނދަރު--ފޮޓޯ/ އެމްޓީސީސީ

ހއ. ވަށަފަރުގެ ރައްޔިތުން އެދޭ ގޮތަށް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު މި އަހަރު ފަށައި، ކުރިޔަށް ގެންގޮސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ވަށަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ވަށަފަރުގެ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހުމާއެކު މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މި އަހަރު ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފެށި، އަދި ހިނގަމުންދާ މަސައްކަތްތައް އިރާދަ ކުރެއްވިއްޔާ ނިންމުމަކީ އަޅުގަނޑުމެންގެ އަމާޒު" ރައީސް ވިދާޅުވިއެވެ.

ވަށަފަރުގެ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުމި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އިރު، އެ މަސައްކަތަށް ބަޖެޓުގައި ކަނޑައަޅާފައި އޮތީ 4،600،000 ރުފިޔާއެވެ.

ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ނަދީމް

ބަޖެޓުގައި އެ މަޝްރޫއަށް ކަނޑައަޅާފައި އޮތް އަދަދަކީ އެކަމަށް އެކަށީގެންވާ އަދަދެއް ނޫންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ ރަށުގެ ފެނާ ނަރުދަމާގެ މަޝްރޫއާއި، ކުނި މެނޭޖުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި، ސިއްހީ މަރުކަޒުގައި ލެބޯޓަރީ ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ބަޖެޓުގެ ދަތިކަމުގެ ވާހަކަފުޅު ތަކުރާރުކޮށް ފާހަގަކުރައްވައެވެ.

މި ރަށުގައި ވެސް އެ ވާހަކަފުޅު ތަކުރާރުކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މި އަހަރުގެ ބަޖެޓު ރައްޔިތުން މަޖިލީހުން ފާސްކުރިއިރު، މަޝްރޫއުތަކަށް އެކަށީގެންވާ ވަރަށް ފައިސާ ހިމަނާފައިނުވާކަމަށެވެ.

އަދި ހަމަ މިއާއެކު، މި ސަރުކާރުން ވެރިކަމަށް އައިއިރު، 120 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ރައީސް ޑރ. މުއިއްޒު ތަކުރާރުކޮށް ވިދާޅުވެއެވެ.

ހއ. ވަށަފަރަށް ރައީސް މިއަދު ވަޑައިގެންނެވި އިރު، އެއީ އެ މަނިކުފާނުގެ އުފަން ރަށެވެ.

comment ކޮމެންޓް