ބަޖެޓު ހަދައިފައި އޮތީ ހިނގަހިނގާ ހުރި މަޝްރޫތަކަށް ވެސް ފައިސާ ނުހިމަނާ: ރައީސް

ރައީސް ހއ. ދިއްދޫގައި ވަހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ނަދީމް

ކުރީ ސަރުކާރުގެ ވެރިކަން ނިންމައިލިއިރު، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެ، ބަޖެޓު އެކުލަވައިލީ މިހާރު ހިނގަމުން އަންނަ މަޝްރޫއުތައް ވެސް ހުއްޓޭހެން، އެ ކަންކަމަށް ވެސް ފައިސާ ނުހިމަނާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އުތުރުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ދިއްދޫގައި އޮތް ޖަލްސާގައި، މި އަހަރަށް އެކުލަވައިލައިފައި އޮތް ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށްފަހު އެންމެ އެކަށީގެންވާ ދުވެލީގައި ކުރިއަށް ނުދާ މަޝްރޫއުތައް އެބަހުރި ކަމަށެވެ.

އޭގެ މައިގަނޑު އެއް ސަބަބަކީ އެ ކަމަށް ޚާއްސަ ބަޖެޓު ކަނޑައަޅައި ހިމަނައިފައި ނުވުން ކަމަށް ވިދާޅުވިއެވެ.

"މިއީ ވަރަށް މުހިންމު ޕޮއިންޓެއް ފާހަގަކުރަން މި އުޅެނީ. ދުވަހަކު ވެސް ނުވާކަމެއް ނުކުރާ ކަމެއް. މިހާރު ނިމިިދިޔަ ސަރުކާރުން ފާސްކުރި ބަޖެޓެއް މި އޮތީ. އަޅުގަނޑުމެންނަށް ޓްރާންސިޝަން ޕީރިއަޑުގައި ލިބުނީ ކުޑަ ދުވަސްކޮޅެއް،" ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ބަޖެޓުގެ މަސައްކަތްކޮށް ނިންމައިލިއިރު މިހާރު ހިނގަހިނގައި ހުރި މަޝްރޫއުތަކަށް ވެސް އެއްވެސް މިންވަރަކަށް ފައިސާ ނުޖަހައި "މާލިއްޔަތު ކޮމިޓީން ހިތުހުރި ގޮތަކަށް" ބަޖެޓު ހަދައިފައި އެބަހުރި ކަމަށެވެ.

ރައީސް ހއ. ދިއްދޫގައި -- ސަން ފޮޓޯ/ ނަދީމް

ނަމަވެސް ރައީސް ވިދާޅުވީ ފެށުނީއްސުރެ އަމަލުކުރަމުން އަންނަ ގޮތަކީ، މަޝްރޫއެއް ފަށައިފައިވާނަމަ، އެ މަޝްރޫއެއް ނިންމޭވަރަށް ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި އެ ކަމަށް ފައިސާ ހިމެނުން ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެންނަށް އެ ބޭފުޅުން ފާސްކޮށްދިން ބަޖެޓުގައި އެ ކަން އޮތީ އެހެންނެެއް ނޫން. ހިނގަހިނގާ ހުރި މަޝްރޫއުތައް ނިންމާ ވަރަކާ ގާތަށް ވެސް ނެތް ފައިސާ ހިމަނައިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ފަދަ މަޝްރޫއުތައް ކުރިއަަށް ގެންދާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ. އޭގެ ނަތީޖާއަކީ މަޝްރޫއުތައް ލަސްވުން ކަމަށާއި، މަޝްރޫއުގެ ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދެރުން ކަމަށެވެ.

އެ ގޮތަށް ރައްޔިތުންނަށް ނުވަ ބިލިއަން ރުފިޔާއިން ސަރުކާރު ދަރަނިވެރިވެފައި އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނުވަނީ މި ސަރުކާރުން އައީ އެ ފަދަ ކަންކަން ރަނގަޅުކުރުމަށް ކަމަށާއި އެ ކަން ކުރުމަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް