ހއ. އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ދެތިން ހަފުތާއެއްގެ ތެރޭގައި މަސައްކަތް ފަށާނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ދެތިން ހަފުތާއެއްގެ ތެރޭގައި ހއ. އަތޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް މަސައްކަތް ފަށާނެ -- ފޮޓޯ/ ރައީސް އޮފީސް

ހއ. އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ދެތިން ހަފުތާއެއްގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބަައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ އެ މަސައްކަތް ފަށާނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކުގައި ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް އޭނާ ހާމައެއްނުކުރައްވައެވެ.

ސައީދު ވިދާޅުވީ އެންމެ ލަސްވެގެން ވެސް އަންނަ ޖުލައިމަހުގެ ތެރޭގައި އެ ވިޔަފާރި ހއ. އަތޮޅުގައި ފެށޭނެ ކަމަށެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމާ އެކު އެތައް ވަޒީފާތަކެއް އުފެދޭނެ ކަމާއި، ކުދި އަދި މެދުފަންތީގެ ފިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހުޅުވޭނެ ކަމާއި، އެއީ ބޭރު ފައިސާ ރާއްޖެ ވަނުމަށް ހުޅުވޭނެ ދޮރެއް ކަމުގައި ވެސް ސައީދުގެ ވާހަކައިގައި ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދައި، ހޯރަފުށްޓާއި އިހަވަންދޫގެ ސިނާއީ ފަޅު، އެ ކުންފުންޏަށް ދީފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަޝްރޫއަށް ބިން ހިއްކުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފަށާނެކަން ސައީދު ހާމަ ކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަޝްރޫއަށް ފައިސާ ހޯދުމުގެ ގޮތުން ޔޫރަޕިއަން ބޭންކަކާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި މި މަސައްކަތް ކުރަން ގަސްދު ކުރަނީ ދަރަނި އިތުރު ނުވާނެ ގޮތަކަށް ކަމަށެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ވަރުގަދަ ކުރުމަށްޓަކައި ބޮޑެތި މަޝްރޫއުތަކެއް ރާވާފައިވެއެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ޑިވަލޮޕްމެންޓް ބޭންކެއް ގާއިމް ކުރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް