ހއ. ހޯރަފުށީގެ ބިން ހިއްކުމަކީ ސަރުކާރުގެ އާމްދަނީ އިތުރު ކުރެވޭ މިންވަރުން އިސްކަން ދީގެން ފަށާނެ މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މި ގޮތަށް ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަކަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހއ. ހޯރަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޯރަފުށީގައި ހުއްޓިފައި ހުރި މަޝްރޫތަކާއި، އަލަށް ފަށާ މަޝްރޫއުތަކުގެ އިތުރުން ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ކުރިޔަށްދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ޖަލްސާގެ ކުރިން ރައީސް ވަނީ ހޯރަފުށީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.
ހޯރަފުށީ ކައުންސިލުން ވަނީ އެ ރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި، އައިސް ޕްލާންޓުން އައިސް ނުލިބޭ މައްސަލަ ހައްލު ކޮށްދިނުމުގެ އިތުރުން ރަށުގެ ބިން ހިއްކައިދީ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދުމަށް ރައީސްގެ ކިބައިން އެދިފައެވެ.
ހޯރަފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ރައީސް ވަނީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަތް ކޮންމެ ވައުދެއް ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސް މިއަދު ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.