ރާއްޖެ ދަރައި ނުވިކުނީ ރައީސް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން: ސައީދު

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ ދަރައި ނުވިކުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޅުއްވި އިގްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، އެ މަނިކުފާނު އެ ގޮތަށް ކަން ނުކުރެއްވި ނަމަ، މި މަސް ނިމެންވާ އިރަށް ރާއްޖެ އޮންނާނީ ބަޔަކަށް އަތު ނުޖެހޭ މިންވަރަށް ދަރާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް މިއަދު ރައީސް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހއ. ހޯރަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދަައްކަވަމުންނެވެ.

ސައީދުގެ ވާހަކަފުޅުގައި ގައުމުގެ އިގްތިސާދު ހަމައެޅުވުމަށްޓަކައި ރައީސް ޑރ. މުއިއްޒު ކުރެއްވި ބައެއް މަސައްކަތްތައް ފާހަގަ ކުރައްވަމުން، އެ މަނިކުފާނު ދުނިޔޭގެ ބައެއް މާލީއިދާރާތަކުގެ އިސްވެރީންގެ އިތުރުން ބައެއް ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރެއްވިކަން ހާމަ ކުރެއްވިއެވެ. އަދި އެ ބޭފުޅުން ރައީސް މުއިއްޒު އެ ކުރައްވަމުން ގެންދަވާ މަސައްކަތަށް ތައުރީފު ކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

"އޭގެ ތެރެއިން ހާއްސަކޮށް އިންޓަނޭޝަނަލް މަނިޓަރީ އޮތޯރިޓީގެ ފަރާތުން އެ މަނިކުފާނަށް ދެންނެވީ، ރައީސް، ތިމަންނަމެން ހީއެއް ނުކުރަމޭ، ރައީސް މި ރާއްޖެ އޮތް ހާލަތުގައި ތިހާ ބޮޑު ކޮމިޓްމެންޓެއް އަދި ހާއްސަކޮށް ކުރިޔަށް އިންތިހާބެއް އޮއްވަ ތިކަންކަން ނިންމަވާފާނެ ކަމަށް ތިގޮތަކަށް. ސަބަބަކީ ސިޔާސީ ވެރިއެކޭ ރައީސަކީ، އެހެން ނަމަވެސް، ސިޔާސީ ކަންކަން އެއްފަރާތް ކުރައްވާފަ ގައުމޭ ތި އިސްކުރެއްވީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް އެ ކުރެއްވި މަސައްކަތް އެތައް ފަހަރަކު ފާހަގަކޮށް، އެ ބޭފުޅުން އެ ކަމަށްޓަކައި ޝުކުރު ވެސް ދެންނެވި ކަމަށެވެ. އަދި ރާއްޖެގެ އިގުތިސާދު މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ ބޭފުޅުން ދިން ކަމުގައި ސައީދު ވިދާޅުވިއެވެ.

"އެއްވެސް ޝަރުތަކާ ނުލާ ޗައިނާ ސަރުކާރުން ވެސް ހަމަ މި މެސެޖު ދެއްވީ، އެމެރިކާ ސަރުކާރުން ވެސް، އިރާދަ ކުރެއްވިއްޔާ މި ރާއްޖެ މީގެ ކުރިން ދުވަހަކު ވެސް ނެތްހާ ގާތް ގުޅުމެއް އަޅުގަނޑުމެންނާ އެކު މި ދަނީ ގާއިމް ވަމުން، އަދި ޔޫރަޕުން ވެސް، އިނގެރޭސިވިލާތުން ވެސް އަރަބި ދުނިޔޭން ވެސް،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ކަންކަމުގެ މަސައްކަތްތައް ދެން ހިނގާނީ ނުހުއްޓޭ ގޮތަށް އަދި، ދަރަނި މަދުކޮށް އަރަނި އިތުރުވާ ގޮތަށެވެ.

މި ސަރުކާރުން ވެރިކަމަށް އައިއިރު، ނުވަ ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމުގައި ރައީސް މުއިއްޒު ތަކުރާރުކޮށް ގެންދަވަނީ ހާމަ ކުރައްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން މި ސަރުކާރުގެ އިގުތިސާދީ އެޖެންޑާ ބަލައިގަނެ، އެއްބާރުލުން ދޭން ނިންމީ ވެސް އެ ސަބަބަށްޓަކައެވެ.

comment ކޮމެންޓް