ޔޫރޮޕާ ލީގުގެ ރައުންޑް އޮފް 16އިން ރޯމާ ޖާގަ ހޯދައިފި

ރޯމާގެ ކީޕާ މައިލް ސްވިލާރުވަނީ ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޕެނަލްޓީ މަތަކޮށްފަ -- ފޮޓޯ/ ރޮއިޓާސް

ޔުއޭފާ ޔޫރޮޕާ ލީގުގެ ގަދަ 16އިން އޭއެސް ރޯމާ ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ގަދަ 16އިން ރޯމާ ޖާގަހޯދީ ނޮކްއައުޓް ރައުންޑްގެ ޕްލޭ އޮފްގައި ފެޔެނޯޑާއި ބައްދަލުކުރި ދެ ލެގަށް ބަލާއިރު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ލެގު 1-1 އިން އެއްވަރުވީއިރު، ރޭ ކުޅުނު ދެވަނަ ލެގު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގެ ފަސްވަނަ މިނެޓްގައި ފެޔެނޯޑްއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންޓިއާގޯ ގިމެނޭޒެވެ. ނަމަވެސް ފެޔެނޯޑްއަށް މި ލީޑު ދެމެހެއްޓޭވަރުވީ 10 މިނެޓް ވަންދެނެވެ. ރޯމާއިން ވަނީ މެޗުގެ 15 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ.

އެހެންވެ، އެގްރިގޭޓު ނަތީޖާ ވެސް އެއްވަރުވުމުން، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ލަނޑެއް ނުފެނުނެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ރޯމާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވިދިޔައީ ރޮމެލޫ ލުކާކޫ ޖެހި ޕެނަލްޓީ އެކަންޔެވެ. އަދި، ފެޔެނޯޑްއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ޑޭވިޑް ހަންޗްކޯއާއި އަލީރިޒާ ޖަހާންބަކްޝް ޖެހި ދެ ޕެނަލްޓީ ކާމިޔާބުވާ ގޮތެއްނުވިއެވެ. އެހެންކަމުން ރޯމާވަނީ މިމުބާރާތުގެ ގަދަ 16އިން ޖާގަ ހޯދާފައެވެ.

comment ކޮމެންޓް