ސިޔާސީ މަންފާއަކަށް، ރައީސް ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: ގައްދޫ ކައުންސިލް

ރައީސް، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން: ރައީސް ގައްދޫ ކައުންސިލާ ގުޅޭ ގޮތުން ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިއްޔެ ގދ. ގައްދުއަށް ވަޑައިގަތުމުން އެ ރަށު ކައުންސިލުގެ ފަރާތުން ފެނުނީ 'ވަރަށް ހިތާމަކުރަނިވި' މަންޒަރެއް ކަމަށް ވިދާޅުވެ އެ މަނިކުފާނު ދެއްކެވި ވާހަކައަށް އެ ކައުންސިލުން މިއަދު ރައްދުދީފިއެވެ.

ރައީސް ގައްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ރަށުގެ ކައުންސިލުން އެ މަނިކުފާނާ ބައްދަލު ނުކުރިކަމަށާއި އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ސިޔާސީ ވާދަވެރިކަން އެއްފަރާތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ގައްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ގައްދޫ ރައްޔިތުންގެ ފަރާތުން ކައުންސިލް ރައީސް މުޙައްމަދު އަޙުމަދު ވާހަކަދައްކަވަން އެޖެންޑާކޮށްފައި އޮތް ނަމަވެސް އޭނާ އެ ޖަލްސާގައި ވާހަކައެއް ނުދައްކަވައެވެ.

ގައްދޫ ކައުންސިލުން ނެރުނު ބަޔާނުގައިވާ ގޮތުން، އެ ޖަލްސާގައި ވަކިގޮތަކަށް ޚިތާބު ދެއްވުމަށް ވަޒީރުންގެ ފަރާތުން ކައުންސިލް ރައީސަށް އެންގިއެވެ. އެއީ އެ ރަށު ރައްޔިތުންގެ ފަރާތުން، ކައުންސިލުން ކުރަން ބޭނުންނުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

"އަދި ރައީސުލްޖުމްހޫރިއްޔާގެ ގައްދޫގެ ދަތުރުފުޅުގެ މަގުސަދާ ވެސް ޚިލާފު ދައުލަތުގެ ދައިސާއާއި މުދާ ބޭނުންކޮށްގެން ވަކި، ސިޔާސީ ހީލަތްތެރި މަގުސަދެއް ކުރިއަރުވަން ބޭނުންފުޅުވި ދަތުރުފުޅެއްގެ ގޮތުގައި އެންމެ ފަހު ވަގުތު މި ރަސްމީ ދަތުރުފުޅު، ބަދަލުކޮށްލާފައިވެއެވެ." އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ކައުންސިލް އިދާރާއަކީ ރައީސްގެ ވަފުދަށް ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރެއްވީ އެހެން ތަނެއްގައި ކަމަށާއި ކައުންސިލްގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއި ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ މަނިކުފާނު އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވީ ގދ. އަތޮޅު މަދަރުސާގައެވެ.

ކައުންސިލްގެ ބަޔާނުގައިވާ ގޮތުން، ރައީސްގެ އިސްތިގުބާލަށް ކައުންސިލްގެ މެންބަރުން ނުކުތުމަކީ އަމިއްލަ އިޚުތިޔާރުގައި އޮތް ކަމެކެވެ. އަދި ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ކުޑަވާނެ އަމަލެއް ކައުންސިލްގެ މެންބަރުން ކުރިކަމަށް ނުދެކޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.

"މި ކައުންސިލް ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާހާ ގޮތަކަށް އަޅުދާސްތުވެ، ގުލާނެއް ނުކުރާނެއެވެ. އެހެންނަމަވެސް ގައްދުއަށާއި، ރައްޔިތުންނަށް ސަރުކާރުން ކޮށްދެއްވަވަން ބޭނުންފުޅުވާ ހުރިހާ ކަމަކަށް އެންމެ ފުރިހަމަ އެއްބާރުލުން ދިނުމުގައި ކައުންސިލް އަބަދުވެސް ދެމިއޮންނާނެއެވެ." އެ ބަޔާނުގައިވެއެވެ.

ގައްދޫގެ ރައްޔިތުން ބޭނުންވާ ކަންކަމާއި ގައްދޫގެ ތަރައްގީއާއި ކުރިއެރުމަށް ޓަކައި ބޭނުންވާ އެހެން ވެސް ކަންކަން ރައީސް އިންތިޚާބުވުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ތަފުސީލުކޮށް ދަންނަވައިފައިވާނެ ކަމަށާއި އިންތިޚާބު ބޯމަތިވުމުން ރައްޔިތުންގެ ފަރާތުން އެކަންކަން ތަކުރާރު ކުރުވަން އެންގުމަކީ އަޅުދާސްކުރުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ރައީސަށް ސިޔާސީ ގޮތުން ގައްދުއިން ތާއީދެއް ނެތް ކަމަށާއި އެއީ ކައުންސިލްގެ ކުށެއް ނޫން ކަމަށާއި އެއީ ގައްދޫގެ ތަރައްގީއާއި ކުރިމަގަށް ހުރަސްއެޅެން ޖެހޭ ކަމެއް ކަމަށް ވެސް ކައުންސިލުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ގައްދޫ ކައުންސިލުން ވަނީ އެ ކައުންސިލާއި ގައްދޫ ރައްޔިތުން ބަލިކަށިކޮށްލުމަށް ޓަކައި ލޯކަލް ގަވަމެންޓް އޮތޯރިޓީ މެދުވެރިކޮށް ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކޮށް، އެކަން ހުއްޓާލުމަށް ވެސް ގޮވާލައިފައެވެ.

comment ކޮމެންޓް