ހިޔާލުތަފާތުވުން ހުއްޓަސް ރާއްޖޭގެ އިގުތިސާދާ ގުޅޭ ގޮތުން ދޮގު ޚަބަރު ނުފެތުރުމަށް ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމެންޓް، މުޙައްމަދު އަލީ ޖަނާހު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިލީގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޖަނާހު ދެއްކެވި ވާހަކައިގައި ސިފަ ކުރެއްވީ ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭގޮތަށް ބޭރުގެ އިންވެސްޓަރުން ރާއްޖެއާ މެދުގައި ހާސްވާނެ ގޮތަށް ކަންކުރުމަކީ ވެވޭ އެންމެ ބޮޑު ޣައްދާރު ކަމުގައެވެ.
"އަޅުގަނޑުގެ އާދޭހެއް މި ދަންނަވަނީ މި ކުޑަ ގައުމަށް އެ މީހެއްގެ އަމިއްލަ އެދުމަށްޓަކައި އެއީ ކޮންމެ ބޭނުމެއްގައި ނަމަވެސް އިކޮނޮމީއާ ބެހޭ ގޮތުން ދޮގު ޚަބަރު ނުފަތުރާށޭ. ދެން އެހެން ވާހަކަތައް ދައްކަވާ. އެކަމަކު މި ގައުމުގެ އިގްތިސާދަށް ގެއްލުން ލިބިއްޖިއްޔާ އަޅުގަނޑުމެންގެ ބަތް ތައްޓަށް އެ ގެއްލުން ލިބެނީ،" ޖަނާހު ވިދާޅުވިއެވެ.
މި ޖަލްސާގެ ތެރެއިން ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތުގެ ފަހުމުނާމާއެއްގައި ސޮއިކުރި އިރު ޖަނާހު ވަނީ އެ މަޝްރޫޢާ ގުޅޭ ބައެއް މައުލޫމާތު ވެސް ހިއްސާ ކުރައްވާފައެވެ.
އެ ގޮތުން އެއާޕޯޓު މަޝްރޫޢުގެ ތެރެއިން ޖުމްލަ 5000 ޓޫރިސްޓް ބެޑް ހިމެނޭ ގޮތަށް 17 ރިޒޯޓެއް ތަރައްގީ ކުރާނެކަން ހާމަ ކުރައްވާފައިވެއެވެ.
މި މަޝްރޫއުގެ އަގު 500 އާއި 750 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރައެވެ.
ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ "ޑްރީމް"އެއް ކަމުގައި ޖަނާހު ވިދާޅުވިއެވެ.
ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.