ތެހެރާން (22 ފެބްރުއަރީ 2024): އެކި ރާސްތާގެ އެތައް ސަތޭކަ ބަލިސްޓިކް މިސައިލް އީރާނުން ރަޝިއާއަށް ފޮނުވާފައިވާ ކަމަށާއި މިހާރު އީރާނުން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދެނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފިއެވެ.
ރޮއިޓާސް ބުނާގޮތުން އީރާނުން ރަޝިއާއަށް މިހާ ގިނަ އަދަދެއްގެ މިސައިލް ފޮނުވަނީ އެ ދެ ގައުމުގެ މެދުގައި ދާދިފަހުން ގާއިމްކުރި ސްޓްރެޓީޖިކް ލެވެލްގެ އަސްކަރީ ގުޅުންތަކުގެ ތެރެއިންނެވެ. މި ގުޅުންތަކުގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށްވަނީ އެއްބަސްވެފައެވެ.
ރަޝިއާއަކީ އަސްކަރީ ޓެކްނޮލޮޖީގައި ދުނިޔޭގެ އެކެއް ނުވަތަ ދޭއްގައި ގުނައިލެވޭ ގައުމަކަށްވާއިރު އީރާނަކީ އަސްކަރީ ސިނާއަތުގައި ވަރަށް ބާރަށް ކުރިއަރަމުންދާ ވަރަށް އުންމީދީ ގައުމެކެވެ. ޚާއްސަކޮށް މިސައިލް ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި އުޅޭ ގައުމެކެވެ.
ރޮއިޓާސް ބުނާގޮތުން އީރާނުން ރަޝިއާއަށް އެންމެ ގިނައިން ފޯރުކޮށްދެނީ އެކިބާވަތުގެ ޑްރޯންއާއި ބަލިސްޓިކް މިސައިލާ އަދި ކުރުރާސްތާގެ ރޮކެޓެވެ. މީގެ ބަދަލުގައި ރަޝިއާއިން ވަނީ އެ ގައުމުގައި އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓް ކަމަށްވާ އެސްު ޔޫ-35 މަރުކާގެ ހަނގުރާމަމަތީ ޖެޓް އީރާނަށް ފޯރުކޮށްދިނުމަށް ނިންމައިފައެވެ.
އީރާނުގެ މިލިޓްރީ ޕައިލެޓުންގެ އެތައް ބަޔަކު ގެންދަނީ މި ޖެޓްތައް ދުއްވުމުގެ ތަމްރީންތައް ރަޝިއާގެ އަސްކަރީ އެކަޑަމީތަކުގައި ފުރިހަމަ ކުރަމުންނެވެ.
އީރާނުން އެތައް ސަތޭކަ ބަލިސްޓިކް މިސައިލް ރަޝިއާއަށް ފޮނުވައިފިކަމަށް ރޮއިޓާސްއިން ބުނުމާ އެކު އީރާނުގެ ރަސްމީ މަސްދަރަކުންވަނީ މިކަން ކަށަވަރުކޮށް ދީފައެވެ. ކުރިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް އީރާން އެއްބަހެއް ނުވެއެވެ. ނަމަވެސް މިހާރު އީރާން ގެންދަނީ ރަޝިއާއަށް ބަރުހަތިޔާރު ފޯރުކޮށްދޭކަން ހާމަކޮށް އެކަން ކުރާނެކަމަށް ފާޅުގައި ބުނަމުންނެވެ. އީރާން މިގޮތަށް ބުނިނަމަވެސް އެމެރިކާއިން މިހާރު ކުރިންދޭގޮތަށް އީރާނަށް އިންޒާރުދެމުން ނުގެންދެއެވެ. ކުރިން އެމެރިކާއިން ވަނީ އީރާނުން ރަޝިއާއަށް ޑްރޯން ފޮނުވާނީ އީރާނަށް ފުލުފުލުގައި އިންޒާރުތައްް ދީފައެވެ.
އީރާނުގެ އަސްކަރީ މަސްދަރެއް ބުނިގޮތުގައި ރަޝިއާއަށް ފޮނުވީ 300 ކިލޯމީޓަރާއި 1000 ކިލޯމީޓަރުގެ ރާސްތާގެ ބަލިސްޓިކް މިސައިލްއެވެ. މީގެ ތެރޭގައި، ހިމެނެނީ އީރާނުގައި އުފައްދާ ފާތިހު މަރުކާގެ އެކި ރާސްތާގެ މިސައިލާއި ޒުލްފިގާރު މަރުކާގެ އެކި ރާސްތާގެ މިސައިލެވެ.
މި މިސައިލްތައް ރަޝިއާއަށް ފޮނުވީ އަސްކަރީ އެއާ ޓްރާންސްޕޯޓް މަތިންދާބޯޓުތަކުގައާއި އަދި ކަނޑު ބޯޓުތައް މެދުވެރިކޮށް ކެސްޕިޔަން ކަނޑުގެ މަގުންކަމަށް އީރާންގެ މަސްދަރު ބުނެއެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން އީރާނުން ރަޝިއާއަށް ފޮނުވި މިސައިލްތަކުގެ އަދަދު 700 އަށް ވުރެގިނައެވެ. މި ތަކެތި ފޮނުވިކަމަށްވަނީ މިދިޔަ ޖަނަވަރީ މަހުގައާއި މި ފެބްރިއަރީ މަހުގެ ކުރީކޮޅުގައެވެ.
އީރާނުން ފުޅާ ދާއިރާއެއްގައި ރަޝިއާއަށް ބަރުހަތިޔާރު ފޯރުކޮށްދޭއިރު ރަޝިއާ ދާދިފަހުންވަނީ ޔުކްރެއިންގެ ސިޓީއެއްކަމަށްވާ "އަވްދީވްކާ" ހިފައި ދޮނިޔެސްކް ސަރަހައްދުގައި ޔުކްރެއިން ސިފައިން ފަހަތަށް ޖެއްސުމުގައި ބޮޑު ކާމިޔާބެއް ހޯދާފައެވެ.
ރަޝިއާއިން އީރާނަށް އެސް ޔޫ -35 މަރުކާގެ 70 ފައިޓާ ޖެޓް ފޯރުކޮށްދޭން ނިންމާފައިވާއިރު އެތަކެތި އެއްކޮށް އުފައްދައި ނިމޭނެކަމަށްވަނީ އަންނަ އަހަރު ތެރޭގައެވެ. ނަމަވެސް އުފައްދައި ނިމޭ ޖެޓްތައް މި އަހަރު ތެރޭގައި އީރާނާ ހަވާލުކުރާނެކަން ރަޝިއާއިން ވަނީ ހާމަކޮށްފައެވެ.
އީރާނުގައި އެންމެ ގިނައިން އިންވެސްޓްކުރާ ގައުމަކީ ވެސް ރަޝިއާއެވެ. ދެވަނައަށް އެންމެ ބޮޑަށް އިންވެސްޓްކުރާ ގައުމަކީ ޗައިނާއެވެ. ރަޝިއާ ދާދި ފަހުން ވަނީ ޕައިލެޓުން ތަމްރީން ކުރުމަށް ބޭނުންވާ ކުދި މަތިންދާ ބޯޓުގެ ގިނަ އަދަދެއްގެ ބޯޓުތައް އީރާނަށް ވިއްކާފައެވެ.
ރަޝިއާގެ ފަރާތުން އީރާން އެންމެ ބޮޑަށް ބޭނުންވާކަމަށްވަނީ އަސްކަރީ ފައިޓާޖެޓާއި އަސްކަރީ އެއާޓްރާންސްޕޯޓް މަތިންދާ ބޯޓެވެ. ދެ ގައުމު ގުޅިގެން އަސްކަރީ ޖެޓާއި އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓު އުފެއްދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ރަޝިއާއާއި އީރާނަކީ އެމެރިކާއާއި ޔޫރަޕުން އެންމެ ގިނައިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދެ ގައުމެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުން މުއާމަލާތް ކުރުމަށް މި ދެ ގައުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ.
ނަމަވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި މި ދެ ގައުމު އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް ގުޅިގެން ހަލުއިމިނެއްގައި ކުރިޔަށްދާ ކަމަށާއި އަދި ކުރިން ނުއުފައްދާ އެތައް ސިނާއަތެއް މި ދެ ގައުމު ގުޅިގެން މިހާރު އުފައްދައި އަމިއްލަ ފައިމައްޗަށް ތެދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ގެންދާކަމަށްވެއެވެ. މިއީ އެމެރިކާއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަމަށް އެެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ "ޕޮލިޓިކޯ" ބުނެއެވެ.
ދާދި ފަހުން ރަޝިއާއިން ވަނީ އީރާނާ އެކު ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ޑޮލަރާނުލައި ކުރުމުގެ ޕޭމަންޓް ގޭޓްވޭ ސިސްޓަމެއް އުފައްދައި އެސިސްޓަމް މެދުވެރިކޮށް އެ ދެ ގައުމުގެ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ފަސޭހައިން ކުރަންފެށިކަން ހާމަކޮށްފައެވެ. ރަޝިއާއިން ވަނީ ޑޮލަރާނުލައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް އެ ގައުމުން އުފައްދާފައިވާ ޕޭމަންޓް ގޭޓްވޭ ސިސްޓަމް ބޭނުންކޮށްގެން އެފްރިކާގެ އެތައް ގައުމަކާ އަދި ބްރިކްސްގެ ބައެއް ގައުމުތަކާ ވެސް މާލީ މުއާމަލާތްތައް ކުރަންފެށިކަން އިއުލާނުކޮށްފައެވެ.