ރޯދައަށް ގޭގެ އާބާތުރަ ފިލުވުމަކީ ދީނާ ފުށުއަރާ ކަމެއްނޫން

ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ގޭގެ އާބާތުރަ ފިލުވައި ބައެއް ތަކެތި އައުކޮށްލުމީ ދިވެހީންގެ އާދަކާދައިގައި ހިމެނޭ ޚާއްޞަ ކަމެއް -- ފޮޓޯ / ބީޕްރޮޕަޓީ.ކޮމް

ދިރިއުޅޭ ތަނުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމަކީ ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ޒަމާނުއްސުރެ ދިވެހީން ވަރަށް ޝައުޤުވެރިކަމާއެކު ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ގޭގެ ކުލަ އައުކުރުމާއި ފަރުނީޗަރާއި ހިފައިގެންގުޅޭ ބައެއް ތަކެއްޗާއި، ބަދިގޭގެ ބައެއް ސާމާނު އައުކުރުން ނުވަތަ ކުރިން ހުރި އެއްޗެތި މަރާމާތުކޮށްލުމާއި ދޮވެ ސާފުކޮށްލުންފަދަ ކަންކަން ކުރެއެވެ. މިއީ ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވާ ކޮންމެ އަހަރަކުމެ ތަކުރާރުވާ އާދައެކެވެ.

ރަމަޟާންމަހަށް ތައްޔާރުވުމުގައި ދެ ބައެއްވެއެވެ. އެއީ ރޫޙާނީގޮތުންނާއި މާއްދީގޮތުން ތައްޔާރުވުމެވެ. ރޫޙާނީގޮތުން ތައްޔާރުވުމުގެ ތެރޭގައި ހިމެނެނީ ޢިބާދާތު ނުވަތަ އަޅުކަމުގެގޮތުގައި ޚާއްޞަ ކަންކަން ކުރުމެވެ. އެއީ މިސާލަކަށް، ފާއިތުވި ރަމަޟާންމަހުގައި ގެއްލިފައިވާ ރޯދައެއްވާނަމަ ލަސްނުކޮށް އެ ރޯދަ ޤަޟާކުރުމެވެ. ރަމަޟާންމަހަށް ފަރިތަވުމަށްޓަކައި، ޝަޢުބާންމަހު ސުންނަތް ރޯދަ ހިފުން ގިނަކުރުމެވެ. މިސްކިތުގެ ޖަމާޢަތަށް އިސްކަންދީގެން ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއި ސުންނަތް ނަމާދުތަކަށް ވެސް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. ޤުރުއާން ކިޔެވުން ގިނަކުރުމާއި އޭގެ މާނައާއި ތަފްސީރު ބަލައި ވިސްނުމާއެކު އެއާ އެއްގޮތަށް ޢަމަލުކުރުމެވެ. ކުޅަދާނަވީވަރަކުން ރޯދައިގެ ފިޤުހާއި އެ ނޫން ވެސް ޢިލްމުތަކަށް އަހުލުވެރިވުމެވެ. ޞަދަޤާތްކުރުމާއި މީހުންނަށް ހިތް ހެޔޮކޮށް، ކެނޑިފައިވާ ގުޅުންތައް ޤާއިމުކުރުމެވެ. ޢާއިލާގެ މީހުންނާއި އަވަށްޓެރީންނަށް ހެޔޮކޮށް ހިތުން އިތުރުކުރުމެވެ. މުސްކުޅީންނާއި ކުޑަކުދީންނާއި އެ ނޫން މީހުންނަށް ވެސް ކަމޭހިތުމުގައި ހީވާގިވުމެވެ. ރޭއަޅުކަން ކުރުމާއި ދުޢާ ޛިކުރުކުރުން އިތުރުކުރުމެވެ. ކެތްތެރިވާން ފަރިތަކޮށް ހަވާ ނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަންނާން ދަސްކުރުމެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރެވެމުންދިޔަ ނުރަނގަޅު ކަންކަން ދޫކޮށްލައި ނަފުސު އިޞްލާޙުކޮށް ތައުބާވުމެވެ. ކުރުކޮށް ބުނާނަމަ، އެންމެހައި މުންކަރާތްތަކާ (އެބަހީ: ﷲ އަށް އުރެދެވޭ އެންމެހައި ކަންކަމާ) ދުރުހެލިވެ، އެންމެހައި ޠާޢާތު (އެބަހީ: ﷲ އާ ކުއްތަންވެވޭ އެންމެހައި ކަންތައް) ތަކާ ގާތްވެ އެކަންކަމަށް ރައްކާތެރިވުމެވެ.

ރޫޙާނީގޮތުން ރަމަޟާންމަހަށް ތައްޔާރުވުމަކީ ކޮންމެހެން ވެސް ކުރާންޖެހޭނެ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެކަމަށް އިރުޝާދު ލިބެއެވެ. އެގޮތުން، އިތުރު އެކަލޭގެފާނު ރަމަޟާންމަސް ފިޔަވައި އެންމެ ގިނައިން ރޯދަފުޅު ހިއްޕެވީ ޝަޢުބާންމަހުގައި ކަމަށްވުމީ މީގެ ދަލީލެކެވެ.(متفق عليه)

ހެޔޮކަމުން ފުރިގެންވާ ރަމަޟާންމަހާ ބައްދަލުވުމުގެ ނިޢުމަތެކޭ އެއްފަދައިން، ދިރިއުޅުމުގެ ތަނަވަސްކަމަކީ ވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެވެ. މުއުމިނުންނަށް އޮތީ މި ދެނިޢުމަތް ވެސް ލިބިއްޖެނަމަ އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. އެހެންކަމުން ރަމަޟާންމަސް އަންނާތީ ރޫޙާނީގޮތުން ތައްޔާރުވުމާ އެކު، މާއްދީގޮތުން ތައްޔާރުވުމަށްޓަކައި ގޭތެރެ ޒީނަތްތެރިކުރުމާއި، ރަނގަޅު ކާބޯތަކެތި އަތްމަތިކުރުމާއި، ޢާއިލާގެތެރޭގައްޔާއި ރަޙުމަތްތެރީންނާ އެކު ކުޅޭނެ ބައެއްކަހަލަ ކުޅިވަރުތައް ރާވައިލުންފަދަ ކަންކަމީ އިސްލާމްދީނާ އެއްގޮތަކަށް ވެސް ފުށުއަރާކަމެއްނޫނެވެ. އެއީ، ދިވެހީންގެ ޘަޤާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ޚާއްޞަ ކަންކަމެވެ. ތިމާ އެ ފަރާތެއް ދެކެ ލޯބިވާ ނުވަތަ ޤަދަރުކުރާ ފަރާތަކާ ބައްދަލުކުރާހިނދު ޒީނަތްތެރިވެ، ވީ އެންމެ ބޮޑަކަށް ތައްޔާރުވުމީ ކޮންމެ މީހަކު ވެސް ކުރާނެކަމެކެވެ.

ހަމަ މިގޮތަށް، ރަމަޟާންމަހަށްޓަކައި މާއްދީގޮތުން ވާ ތައްޔާރީތައް ވެސް ހިމެނެނީ އެފަދައިންނެވެ. އެއިން ދައްކައިދެނީ އަހުރެމެންގެ ހިތުގައި ރަމަޟާންމަހަށްޓަކައި އޮތް އިޙްތިރާމާއި ޤަދަރާއި އޮތް ލޯތްބެވެ. އެ މަސް އަންނާތީ ކުރަމުންދާ ފޮނި އިންތިޒާރެވެ. ރަމަޟާންމަހަށްޓަކައި މާއްދީގޮތުން ތައްޔާރުވުމުން ޙާޞިލުވާ އެހެން ނަތީޖާއެއް ވެސްވެއެވެ. އެއީ ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާ އެކު ދިރިއުޅުމުގެ ޙާލަތު ވެސް ރަނގަޅުކޮށްލަން ލިބޭ ފުރުޞަތަކަށް އެ މަސް ވާކަމެކެވެ.

އިސްލާމްދީނަކީ ރޫޙާނިއްޔަތާއި މާއްދިއްޔަތު ހިމެނޭ ވަޒަންހަމަ ދީނެކެވެ. ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ހޯދުމަށް ގޮވައިލާ މެދުމިނުގެ ދީނެވެ. (ބަޤަރާ: 201) އަޅުކަންތައް އަދާކުރުމާއެކު، ދުނިޔެވީ ކަންކަމުގައި ވަގުތު ހޭދަކޮށް ދުނިޔޭގެ އުފަލާއި އަރާމު ހޯދުމީ އިސްލާމްދީނުގެ މަގެވެ. އާޚިރަތަށްޓަކައި މަސައްކަތްކުރުމާ އެކު ދުނިޔެއިންވީ ބައި ހަނދާންނައްތައިނުލުމަށް އަންގަވާފައިވަނީ މިހެންވެގެންނެވެ. (ޤަޞަޞް: 77) ހުއްދަގޮތުގައި ޙާޞިލުކުރެވޭ ދުނިޔެވީ އުފާތައް ދޫކޮށް ތާއަބަދު އަޅުކަމުގައި އުޅުމީ އިސްލާމްދީނުގެ އިރުޝާދާ ޚިލާފު ކަމެކެވެ. މުޅި އަހަރު އެއްކޮށް ރޯދަ ހިފުމާއި، މުޅި ރޭ ނުނިދައި ރޭއަޅުކަންކުރުމާއި، ކޮންމެ ރެޔަކު ޤުރުއާން އެއްކޮށް ޚަތިމުކުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރެއްވިއެވެ. އަދި، ޙަދީޘްކުރެއްވިއެވެ.

"އެހެން ނުހަދާށެވެ. އެހެނެއްކަމަކު ރޭގަނޑު ނަމާދުކުރާށެވެ. އަދި ނިދާށެވެ. ބައެއް ދުވަސްދުވަހު ރޯދަ ހިފާށެވެ. އަދި އަނެއްބައި ދުވަހު ރޯދަނުހިފައި ހުންނާށެވެ. ފަހެ ހަމަކަށަވަރުން، ތިބާ އަދާކުރަންޖެހޭ ތިބާގެ ހަށިގަނޑުގެ ޙައްޤު ވެއެވެ. އަދި ތިބާ އަދާކުރަންޖެހޭ ތިބާގެ އަނބިމީހާގެ ޙައްޤު ވެއެވެ. އަދި މެހުމާނުންނަށްޓަކައި ތިބާ އަދާކުރަންޖެހޭ ޙައްޤު ވެއެވެ." (ބުޚާރީ: 1975)

ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ނުވަތަ އެ ނޫން ޙާލަތެއްގައިކަމަށްވިޔަސް، ޢާއްމު ދިރިއުޅުމާ ގުޅޭ ކަންކަން ކުރުމުގައި ހިފަހައްޓާންޖެހޭ އުޞޫލުތަކެއް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން؛ ދީނުގައި ޙަރާމްކުރައްވާފައިވާ ދެއްކުންތެރިކަމާއި އިސްރާފުކުރުމާއި ބޮޑައިކަމާއި ކިބުރުވެރިކަންފަދަ ނުބައި ސިފަތަކާ ދުރުހެލިވާންޖެހޭނެއެވެ. އެއްޗެތި ގަތުމުގައި މާލީގޮތުން ތިމާއާ އެކަށީގެންވާ މިންވަރާމެދު ވިސްނާންވާނެއެވެ. ދިރިއުޅުމަށް ބޮޑެތި ޚަރަދުތައްކުރުމުގެ ކުރީން، އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ އެ އަދާކުރުމަށް އިސްކަންދޭންވާނެއެވެ. ބޭނުންކުރެވޭ ޙާލަތުގައިވާ އެއްޗެއް އެއްލައިލުމުގެ ބަދަލުގައި އެ ބޭނުންވާ އެހެން ފަރާތެއް ހުރިއްޔާ އެފަރާތަކަށްދީ ޞަދަޤާތެއްގެ ޘަވާބު ހޯދިދާނެއެވެ. މުނިފޫހިފިލުވުމުގެ ޙަރަކާތެއް ރާވާނަމަ އޭގައި ޙަރާމްކަމެއް ނުހިމެނުމާއި، އަޅުކަމުގެތެރޭގައި ހިމެނޭ ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ރޭއަޅުކަންކުރުންފަދަ ކަންތައްތަކާ ފުށުނާރާނެހެން ވަގުތަށް ސަމާލުކަން ދިނުން ލާޒިމުވާނެއެވެ. އަދި، ޢިބާދާތުގެ ކަންތައްތަކާ އަޅާބަލާއިރު، މުނިފޫހިފިލުވުމުގައި ހޭދަކުރާ ވަގުތަކީ ދާދި މަދު ވަގުތެއްކަމުގައި ހެދުން މުހިއްމެވެ. މި ނުކުތާއަށް ބަލާއިރު އަހުރެމެންގެ ތެރެއިން ބައެއް މީހުން، ރަމަޟާންމަހުގެތެރޭގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް އިންތިޒާމުކުރުމުގައި އިމުން ބޭރުވާ ދަރަޖައަށް އެކަން ކުރާކަން ފާހަގަކުރާންޖެހެއެވެ. މިއީ އެއްގޮތަކަ ށްވެސް ކޮށްގެންވާނޭކަމެއް ނޫނެވެ.

ހުރިހައިގޮތަކުން ބަލާއިރު ވެސް ރަމަޟާންމަހަކީ މުސްލިމުންނަށް ޚާއްޞަ ބަރަކާތްތެރި އުފާވެރި މައްސަރެކެވެ. އެ މަހުގައި ރޯދަ ހިފުން ފަރުޟުކުރައްވާފައިވުމެވެ. ސުވަރުގޭގެ ދޮރުތައް ހުޅުއްވައި ނަރަކައިގެ ދޮރުތައް ބަންދުކުރެއްވުމެވެ. ޝައިޠާނުން ކަސްތަޅު އެޅުއްވުމެވެ. މަތިވެރިވެގެންވާ ލައިލަތުލްޤަދުރި އެ މަހުގައި ވުމެވެ. މިފަދަ މަތިވެރި މުނާސަބަތަކާ ބައްދަލުކުރާއިރު، ރޫޙާނީގޮތުން ތައްޔާރުވުމާ އެކު، ޢާއްމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްލައި، ގޭތެރޭގެ ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުކުރެވޭން އޮތްނަމަ އެކަން ވެސް ކޮށްލުމަކީ ހަމަ ރަނގަޅު ކަމެކެވެ. އެއީ އިސްލާމްދީނާ ފުށުއަރާކަމެއްނޫނެވެ. އަދި، އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރުމަށް އަންގަވާފައިވާ އިސްލާމްދީނުގައި، އިންތަކެއް ކަނޑައެޅުއްވުމާ އެކު ހުއްދަކުރައްވާފައިވާ ކަމެކެވެ. މިއާޚިލާފަށް، ރަމަޟާންމަހަށްޓަކައި އޮތީ ރޫޙާނީގޮތުން ތައްޔާރުވުން އެކަނިކަމަށް ބުނެދެވޭނަމަ އެއީ ދީނާ ދިރިއުޅުން ވަކިކޮށްލުމެވެ. އިސްލާމްދީނުގެ ރީތިކަމާއި ޝާމިލުކަން ހަނދާން ނައްތައިލުމެވެ.

comment ކޮމެންޓް