ޕީއެސްވީން ޑޯޓްމަންޑު މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ޑޯޓްމުންޑްގެ ލަނޑު ކާމިޔާބު ކޮށްދިން މާލެން ޕީއެސްވީ ކުޅުންތެރިއެއް ކައިރިން ބޯޅަހިފައިގެންދަނީ -- ފޮޓޯ/ ފިއާ ދި ވޯލް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގްގައި ޕީއެސްވީއާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެން ގޮސްފައިވަނީ ޕީއެސްވީއަށެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ތަނެއް ފެނިގެން ނުދިޔައެވެ.

ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 24 ވަނަ މިނެޓްގައި ޑޯޓްމުންޑުން އުފެއްދި ހަމަލާއެއްގައި އެ ޓީމުން މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކުރިން ޕީއެސްވީއަށް ކުޅެފައިވާ ޑޮންޔެލް މާލެނެވެ. މިއީ 2021 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި އޭނާއަށް ކަމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފު ވެސް ޕީއެސްވީން ފެށީ ފޯރީގައެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި މެޗުގެ 56 ވަނަ މިނެޓްގައި އެ ޓީމަށްވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ލޫކް ޑި ޖޮންއެވެ.

ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު ޑޯޓްމުންޑްގެ ދަނޑުގައެވެ.

comment ކޮމެންޓް