ހާލަންޑްގެ ލަނޑާއެކު ސިޓީއިން ބްރެންޓްފަޑް ބަލިކޮށްފި

ހާލަންޑް ކާމިޔާބު ކުރި ލަނޑާއެކު އެޓީމްގެ ކުޅުންތެރިން މަރްހަބާ ކިޔަނީ / ފޮޓޯ: ދި ޓެލެގްރާފް

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔަބު ކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.

އެ މެޗު ސިޓީއިން ފެށީ ވަރަށް ފޯރީގައެވެ. މިގޮތުން ފުރަތަމަ ހާފުގައި ސިޓީއިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ބްރެންޓްފަޑްއިން ޑިފެންޑް ކުރަމުންދިޔަ ގޮތް ވަރުގަދަ ކަމާއި އެޓީމްގެ ކީޕަރު މާކް ފްލެކެންގެ ހުޝިޔާރު ކަމުގެ ސަބަބުން ސިޓީއިން އުފެއްދި އެއްވެސް ހަމަލާއެއް އެ ހާފުގައި ކަމިޔާބު ވާގޮތެއްނުވިއެވެ.

ފްލަކެންއަށް ސަލާމަތް ނުކުރެވިދާ ހަމަލާތައް ދިފާއު ކުރުމުގައި އޭނާގެ ޑިފެންޑަރުންގެ އެހީތެރިކަން ދިޔައީ ވަރަށް ފުރިހަމައަށް މިހާފުގައި ލިބެމުންނެވެ. މީގެއިތުރުން ލިބޭ ފުރުސަތުތަކުގައި ބްރެންޓްފަޑްއިން ވެސް ސިޓީގެ ގޯލަށް ނުރައްކާކުރިއެވެ.

މިމެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ފެނުނީ ސިޓީއިން ހަމަލާއަށް އިސްކަންދީގެން ކުޅެމުންދިޔަ ތަނެވެ. ސިޓީއިން ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ވީ މެޗުގެ 71 ވަނަ މިނެޓްގައި ސިޓީގެ ހާފުގެ ތެރެއިން ހޫލިއަން އަލްވަރޭޒް އެޓީމްގެ ފޯވަޑް އާލިން ހާލަންޑަށް ފޯރުކޮށްދިން ބޯޅައިންނެވެ. ހާލަންޑް މާކް ކުރަމުންދިޔަ ބްރެންޓްފަޑްގެ ޑިފެންޑާ ކްރިސްޓޮފާ އަޔާ އެވަގުތު ބޯޅައަށް ހަރަކާތްކުރި ވަގުތު ފައިކައްސާލުމުގެ ނަތީޖާއަކަށްވީ ހާލަންޑަށް ހުސްކޮށް އަރާ ފްލަކެން ކައިރިން ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރުމެވެ.

މިއީ މިސީޒަންގައި ހާލަންޑް ކާމިޔާބު ކުރި 22 ވަނަ ލަނޑެވެ. މިލަނޑާއެކު ހާލަންޑް މިހާރުވަނީ ޕްރިމިއާ ލީގުގައި އޭނާ ވާދަކުރި ހުރިހާ ޓީމަކާ ދެކޮޅަށް ލަނޑު ޖަހާފައެވެ. މިމެޗުގައި ހާލަންޑް ދެވަނަ ލަނޑެއް ޖެހުނު ކަމަށްހީވި ނަމަވެސް އެލަނޑު ޖެހުމަށް ބޯޅަ ތަނަވަސްކޮށްދިން ކައިލް ވޯކާ އޮފްސައިޑް ވެފައިވުމުން އެލަނޑު ބަލައިގެންފައެއް ނުވެއެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ.

މިކާމިޔާބީ އާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާވެސް މިވަނީ އެއް ޕޮއިންޓަށް ގާތް ކޮށްފައެވެ. މިމެޗުން ބަލިވުމުން ބްރެންޓްފަޑް އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.

comment ކޮމެންޓް