މާވަރުލު އެއާޕޯޓުގެ ހާލަތު ރަނގަޅުކޮށް، އެއްގަމުން ގައްދުއާ ގުޅައިލާނަން: ރައީސް

ރައީސް ޑރ. މުއިއްޒު ގދ. ގައްދޫގައި ވާހަަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ގދ. ގައްދޫ ކައިރި އޮތް މާވަރުލު އެއާޕޯޓާއި، ގައްދޫ އެއްގަމުން ގުޅައިލާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫ ރައްޔިތުންނާއެކު މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައްދޫގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އެއާކު ރަށް ކައިރި އޮތް މާވަރުލު އެއާޕޯޓު ވެސް އިތުރަށް ތަރައްގީކޮށް އެއްގަމުން ގުޅައިލަދޭން ރައީސް ވައުދުވެވަޑައިގަތެވެ.

"އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ރަނގަޅު އެއާޕޯޓަކަށް ވީހާ ވެސް ގިނަ ދަތުރުތައް ކުރެވޭ ފެންވަރު ރަނގަޅު [ގައްދުއާ] އެއްގަމުން ގުޅިފައިވާ އެއާޕޯޓަކަށް މާވަރުލު އެއާޕޯޓު އަޅުގަނޑު ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރު އެއާޕޯޓާ ރަށާ ގުޅައިލާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބަޖެޓު ޖާގަދޭނަމަ ވީ އެންމެ އަވަހަކަށް މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ ކަންކަން ރަނގަޅުކުރުމުގެ އިތުރުން ހޮސްޕިޓަލް ގާއިމްކުރުމާއި، ބިން ހިއްކުމަކީ މި ސަރުކާރުން ގައްދުއަށް ކޮށްދޭނެ ކަންކަން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އަތޮޅުގެ ތަރައްގީއަށް ޓަކައި، މި އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މާވަރުލު އެއާޕޯޓު ތަރައްގީކޮށް، ފްލައިޓުތައް އިތުރުކޮށް މިހާރަށްވުރެ ފެންވަރު ރަނގަޅުކުރުމުން އަތޮޅަށް ފައިދާވާނެ ކަމަށް ވިދާޅުވިއެވެ.

މާވަރުލު އެއާޕޯޓުގެ ފެންވަރު ރަނގަޅުކޮށް ގައްދުއާ ގުޅައިލާނެކަމަށް ރައީސް ވިދާޅުވިއިރު، ރޭވަނީ ތިނަދޫ ފަޅުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އަޅަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް