ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ގދ. ގައްދުއަށް ވަޑައިގަތުމުން އެ ރަށުގެ ކައުންސިލުން އެ މަނިކުފާނާ ބައްދަލު ނުކުރެއްވިކަމަށް ރައީސް މިއަދު ވިދާޅުވެއްޖެއެވެ.
ގައްދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ފިކުރު ކިތަންމެ ތަފާތު ނަމަވެސް، މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށެއްގެ ކައުންސިލަރުން ބައްދަލުކުރައްވައި، ރަށު ރައްޔިތުންގެ ކަންކަމުގައި މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.
ނަމަވެސް މިއަދު ގައްދޫ ކައުންސިލުގެ ފަރާތުން ފެނުނީ 'ވަރަށް ހިތާމަކުރަނިވި' މަންޒަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް މި ރަށުން މި ފެންނަ މަންޒަރާމެދު ހިތާމަކުރަން. ލާމަރުކަޒީ ނިޒާމެއް ހިންގަންޖެހޭ އުސޫލެއް ނޫން. އެއަށްވުރެ އަޅުގަނޑުމެން ވާންޖެހޭނީ ޒިންމާދާރު ބަޔަކަށް،" ރައީސް ވިދާޅުވިއެވެ.
ގައްދޫ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް އޮތް ޖަލްސާގައި ގައްދޫ ކައުންސިލުގެ ރައީސް ވާހަކަ ދައްކަވާ ގޮތަށް އެޖެންޑާ ވެސް ކޮށްފައި އޮތެވެ. ނަމަވެސް އެންމެ ފަހުވަގުތު ކައުންސިލުގެ ރައީސާއި، ނައިބު ރައީސް ވެސް ބައްދަލުވުމަށް ހާޒިރެއް ނުވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބެއްގެ ތެރޭގައި އެ މީހަކަށް ތާއީދުކުރާ ރައްޔިތުން އޭނާ ހޮވުމުން، އެ ހޮވޭ މީހަކު ޚިދުމަތް ކުރަންޖެހެނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. އެ ކަމުގައި ސިޔާސީ ވާދަވެރިކަން އެއްފަރާތް ކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވަނީ ގައްދޫ ކައުންސިލުގެ ފަރާތުން މިއަދު ފެނުނު އަމަލަށް ބަލައި، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ހެދުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.
އަދި ސަރުކާރާ ރައްޔިތުންނަށް އެއްބާރުލުން ދޭނެ ބަޔަކު ހޮވުމަށް އެދިވަޑައިގެންނެވިއެވެ.