އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ވަކިވާން ހަންގޭރީން ނިންމައިފިއެވެ.
ހަންގޭރީން އެގޮތަށް ނިންމާފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމަށް ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. އައިސީސީން މީގެކުރިން ވަނީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އައިސީސީން ހައްޔަރު ކުރުމުގެ އަމުރު ނެރުނުތާ އެއް ދުވަސް ފަހުން މިދިޔަ ނޮވެމްބަރު މަހު ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޮރްބަން ވަނީ އެ ގައުމަށް ވަޑައިގަތުމަށް ނަތަންޔާހޫއަށް ދައުވަތު އަރުވާފައެވެ.
އޯބަން ވަނީ ހަންގޭރީއަކީ އައިސީސީގެ މެމްބަރެއް ނަމަވެސް ނަތަންޔާހޫ ހައްޔަރުކުރުމުގެ އެ އަމުރު ތަންފީޒު ނުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އައިސީސީގެ ފައުންޑިން މެމްބަރެއްގެ ގޮތުގައި ހަންގޭރީން އެ އަމުރު ތަންފީޒު ކުރަން ޖެހެއެވެ. އައިސީސީގެ މެމްބަރު ގައުމުތަކުގެ ތެރެއިން ގައުމަކަށް ނަތަންޔާހޫ ވަޑައިގެންފިނަމަ، ހައްޔަރުކުރުމަށް ކޯޓު އަމުރުގައި ލާޒިމްކޮށްފައިވެއެވެ.
ނަމަވެސް އައިސީސީ އުފެއްދުމުގެ ލިޔުމުގައި ހަންގޭރީން 1999 ވަނަ އަހަރު ސޮއިކޮށް 2001 ވަނަ އަހަރު ތަސްދީގު ކުރި ނަމަވެސް އެ ގާނޫނު ތަސްދީގުކޮށްފައެއް ނުވެއެވެ.
އޮރްބަންގެ ޗީފް އޮފް ސްޓާފް ގޭރްގޭލީ ގުލިއާސް ނޮވެމްބަރު މަހު ބުނީ އައިސީސީގެ ރޯމް ސްޓޭޓިއުޓް ހަންގޭރީން ތަސްދީގު ކުރި ނަމަވެސް އެއީ ދުވަހަކު ވެސް ހަންގޭރީގެ ގާނޫނުގެ ބަޔަކަށް ނުހެދޭނެ ކަމަށެވެ.
ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް، ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން އަމުރު ނެރުނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ.
ނަތަންޔާހޫ ވަނީ އެ ކޯޓަކީ ޔަހޫދީންނާ ދެކޮޅަށް މަސައްކަތްކުރާ ކޯޓެއް ކަމަށް ތުހުމަތު ކުރައްވައި އިސްރާއީލު ދިފާއު ކުރުމަށް ފަސްނުޖެހޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު [އައިސީސީ]ގެ އިހުތިސާސާއި ހައްޔަރުކުރަން ނެރެފައިވާ އަމުރުތަކުގެ ސައްހަކަމަށް އިސްރާއީލުން ޗެލެންޖް ކުރާނެ ކަމަށެވެ.
ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރު ކުރުމުގެ އަމުރެއް ވެސް އައިސީސީން ނެރެފައިވެއެވެ. އިސްރާއީލުން އޮގަސްޓް މަހުގެ ކުރީކޮޅު ބުނީ ޖުލައި މަހު ޣައްޒާގެ ދެކުނަށް ދިން ވައިގެ ހަމަލާއެއްގައި ޟައީފް މަރާލާފައިވާ ކަމަށެވެ. ނަމަވެސް ހަމާސްއިން އޭނާ މަރުވިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.