ޣައްޒާ (3 އެޕްރީލް 2025) : އިސްރާއީލުން ރޭ ފަތިހުން ފެށިގެން ޣައްޒާގެ އާންމުން ދިރިއުޅޭ ފޭލިގެތަކަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނު އާންމުންގެ 44 މީހަކު ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުގެ ބޮންއަޅާ ބޯޓުތަކުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ މެދުތެރޭގައިވާ ޣައްޒާ ސިޓީއަށާއި ޣާން ޔޫނުސް ސަރަހައްދުގައިވާ އާންމުންގެ ފޭލިގެތަކަށެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން ޣައްޒާ ސިޓީން 15 މީހުން ޝަހީދުކޮށްލާފައިވާއިރު ޚާން ޔޫނުސް އިން ޝަހީދުކޮށްލާފައިވަނީ 29 މީހުންނެވެ. އިސްރާއީލުން މިއަދު ޝަހީދުކޮށްލި 44 މީހުންގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތް ބަލިކުރުމުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ނާކާމިޔާބުވެފައިވާއިރު ހަމާސް ބަލިކުރުމުގެ ނަމުގައި އިސްރާއީލުން ކުރާ ކަމަކަކީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި އާންމުން މެރުމެވެ.
ހަމާސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ ނެރެފައެވެ.
އެއީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމުގެ އިތުރުން ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ގެދޮރާއި އެ ނޫން ވެސް މަދަނީ ތަންތަނަށް ގަސްދުގައި ހަމަލާދީ އެ ތަންތަން ސުންނާފަތި ކުރަމުން ގެންދާތީއެވެ.

ޣައްޒާގެ ތުއްތު ކުށްޖަކު ބިރުންރޮނީ
ޣައްޒާގެ އާންމުން މެރުމަށް އިސްރާއީލު ހިންގާ ޔަހޫދީ ޓެރިޒަމްގެ އަމަލުތައް ސްޕޮންސާ ކުރަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. އެމެރިކާއައި ޔޫރަޕްގެ ބައެއް ގައުމުތަކުން ގެންދަނީ ޣައްޒާގެ އާންމުންގެ ހައްގުގައި ބަސްބުނާ ފަރާތްތަކުގެ އަނގަ ބަންދުކޮށް އެ މީހުން ހުއްޓުވައި އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތައް ހައްޔަރު ކުރަމުންނެވެ.
އެމެރިކާ ވަނީ އިސްރާއީލުން ޣައްޒާގައ ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތަކަށް ތާއީދުކުރާކަން ފާޅުގައި ހާމަކޮށްފައެވެ.
ހަމާސް އަސްކަރީ ގޮތުން ބަލިކުރުމުގެ އިތުރުން ހަމާސް ގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައިވެސް އަދި ހަމާސްގެ ބިންގަރާސްތައް ހޯދުމުގައި ވެސް އިސްރާއީލުވަނީ މުޅިން ނާކާމިޔާބު ވެފައެވެ. އަދި އެއްގަމު މަގުން އަރައި ޣައްޒާ ހިފުމުގައި ވެސް އިސްރާއީލަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.
އިސްރާއީލުން ޣައްޒާ އަތްދަށުލާން މަސައްކަތްކުރާތާ ދޮޅު އަހަރު ވެފައިވާއިރުވެސް އިސްރާއީލު ސިފައިންގެ ކޮންޓްރޯލް އޮތީ އަދިވެސް ޣައްޒާގެ މަދު ސަރަހައްދުތަކެއްގައެވެ.
2032 ވަނަ އަހަރު ގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ވަނީ ޣައްޒާގެ ބައިލައްކައަށް ވުރެގިނަ އާންމުން ޝަހީދުކޮށްލާފައެވެ.
އިސްރާއީލު ން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް އިސްރާއީލަށާއި އެމެރިކާއަށް ފިއްތުންތައް ކުރިމަތި ނުކުރާ ކަމުގެ ތުހުމަތު އަރަބި ގައުމުތަކަށާއި އިސްލާމީ ދުނިޔެއަށް ވަނީ ކުރެވިފައެވެ.
އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާ އަރަބި އެއްވެސް ގައުމަކުން އިސްރާއީލާ ގުޅުންތައް ކަނޑާލާފައެއް ނުވެއެވެ. އަދި އިސްރާއީލުގެ ސަފީރުވެސް ބޭރުކޮށްލާފައެއް ނުވެއެވެ.
އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ ހުޅަނގުގެ ކުންފުނިތައް ބޮއިކަޓް ކުރުމުގެ ހަރަކާތެއް ވެސް ރަސްމީ ސިފައެއްގައި އަރަބި އިސްލާމީ ގައުމުތަކުން ހިންގަމުން ނުގެންދެއެވެ.
ގަލްފުގެ އަރަބި ދެގައުމު ކަމަށްވާ ގަތަރާއި ޔޫއޭއީ މިހާރުވެސް ގެންދަނީ ޣައްޒާއަށް ބޮންއަޅައި ގަތުލުއާންމުތައް ހިންގާ އިސްރާއީލު ގެ ވައިގެ ސިފައިންނާއެކު ގްރީސްގައި އަސްކަރީ ތަމްރީން ތަކެއް ހަދަމުންނެވެ.