ތިނަދޫ ބައިނަލްއަގްވާމީ އެއާޕޯޓަަށް ސަރުކާރުން ޚަރަދެއް ނުކުރާނެ: މިނިސްޓަރު

ތިނަދޫ ބައިނަލްއަގްވާމީ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ

ތިނަދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓަށް ދިވެހި ސަރުކާރުން އެއްވެސް ހޭދައެއް ނުކުރާނެކަމަށާއި މުޅި މަޝްރޫއު ހިންގާނީ މި މަޝްރޫއުގެ އިންވެސްޓަރުކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ގދ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިރޭ ތިނަދޫގައި ބާއްވާ ޖަލްސާގައި މި މަަޝްރޫއުގެ ފަހުމުނާމާގައި ވަނީ ސޮއިކޮށްފައެވެ.

މަސައްކަތް ހަވާލުކޮށްފައިވަނީ ޕޭން ޕެސިފިކް ކޯ. ލިމިޓެޑާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަަކައިގައި މިނިސްޓަރު ވިދާޅުވީ މިއީ އިންވެސްޓަރު ފައިނޭންސް ކުރާ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭކަަމަށް ފާހަގަކުރެއްވިއެވެ.

"އާދެ، ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން މި ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކުރާނެ ގޮތަށް ހިންގޭނެ ޕްރޮޖެކްޓެއް ނޫން. ސީދާ އިންވެސްޓަރު ހުރިހާ ޚަރަދެއް ކުރާ ގޮތަށް ހިންގާނެ ޕްރޮޖެކްޓެއް،" މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/188915

މިނިސްޓަރު ވަނީ މި ފަދަ އިނޮވޭޓިވް ފައިނޭންސް އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅުކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރު 12 ރިސޯޓެއް ތަރައްގީކުރާނެ ކަމަށާއި އެއީ 2،000އަށްވުރެ ގިނަ އެނދުކަމަށެވެ. މި ކަމަށް ވެސް ސަރުކާރުން ޚަރަދެއް ނުކުރާނެއެވެ.

މި މަޝްރޫއު ނިމޭއިރު ގާއިމްކުރާނެ ބައެއް ޚިދުމަތްތަކަކީ:

  • އެންމެ ބޮޑެތި ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެއް ތަރައްގީކުރާނެ
  • ޕްރިމިއަމް ފްލައިން ސްކޫލެއް ގާއިމްކުރެވޭނެ
  • ފިއުލް ފާމެއް ގާއިމްކުރާނެ
  • ކާގޯ ޚިދުމަތް ގާއިމްކުރާނެ
  • ސީޕްލޭން ހަބެއް ގާއިމްކުރާނެ

https://sun.mv/188915

މިނިސްޓަރު ވިދާޅުވީ އެއާޕޯޓު މަޝްރޫއާއެކު މި އަތޮޅުގައި ޓޫރިޒަމް ވެސް ތަރައްގީވާނެ ކަމަށެވެ. އަދި މުސްތަގްބަލުގައި މި އަތޮޅަކީ ވަކިން ފަތުރުވެރިކަން ހިންގޭފަދަ ވަރުގަދަ ސަރަހައްދަކަށް ވާނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް