ތިނަދޫ ފަޅުގައި މަތީ ފެންވަރުގެ ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީކުރަން ހަވާލުކޮށްފި

ތިނަދޫ ބައިނަލްއަގްވާމީ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކުރުން: މި މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ދެކުނުން ތިނަދޫ ސިޓީގެ ފަޅު ހިއްކައިގެން ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ގދ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިރޭ ތިނަދޫގައި ބާއްވާ ޖަލްސާގައި މި މަަޝްރޫއުގެ ފަހުމުނާމާގައި ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތައިލޭންޑުގެ ޕޭން ޕެސިފިކް ކުންފުންޏަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އަމަލީ މަސައްކަތް ފެށޭ ދުވަހުން ފެށިގެން ގިނަވެގެން ދެ އަހަރު ތެރޭ މި މަޝްރޫއު ނިންމާނެ ކަމަށެވެ.

އަދި 50 ހެކްޓަރުގެ ބިން ތިނަދޫއިން ހިއްކާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއު ނިމޭއިރު ގާއިމްކުރާނެ ބައެއް ޚިދުމަތްތަކަކީ:

  • އެންމެ ބޮޑެތި ބޯޓު ޖެއްސޭ ފެންވަރުގެ ކޯޑް އެފް ރަންވޭއެއް ތަރައްގީކުރާނެ
  • ފެނުގެ މަތީގައި އޮންނަ ހިތްގައިމު ޓާމިނަލެއް ތަރައްގީކުރާނެ
  • ޕްރިމިއަމް ފްލައިން ސްކޫލެއް ގާއިމްކުރެވޭނެ
  • ފިއުލް ފާމެއް ގާއިމްކުރާނެ
  • ކާގޯ ޚިދުމަތް ގާއިމްކުރާނެ
  • ސީޕްލޭން ހަބެއް ގާއިމްކުރާނެ

މި މަޝްރޫއާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރު 12 ރިސޯޓެއް ތަރައްގީކުރާނެ ކަމަށާއި އެއީ 2،000އަށްވުރެ ގިނަ އެނދުކަމަށެވެ.

ހަމައެއާއެކު މި މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެކަމަށާއި، މުޅި މަޝްރޫއަކީ އިންވެސްޓަރުގެ ޚަރަދުގައި ހިންގާ މަޝްރޫއެއްކަމަށެވެ.

ތިނަދޫ ފަޅު ހިއްކުމަށްފަހު އެ ތަނުގައި ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓެއް ހަދަން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭ މި ސިޓީގެ ކައުންސިލުންވަނީ އެއިރުގެ އެމްޑީޕީ ސަރުކާރުގައި ވެސް އެދިފައެވެ.

https://sun.mv/181506

ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދެއްވާނެކަމަށެވެ.

އަދި ތިނަދޫ ފަޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ހިންގަވާނެ ކަމަށެވެ. ނަމަވެސް ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ގެންނަން ހުރަސް އޮތްނަމަ ތިނަދޫ ފަޅުގައި ހިއްކައިގެން ނަމަވެސް ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ޚިދުމަތް ގާއިމްކޮށްދެއްވާނެ ކަމަށް ޞާލިހު ވިދާޅުވިއެވެ.

comment ކޮމެންޓް