ނުލިބޭ ނަމަ ސަބަބާއެކު ބުރާސްފަތި ދުވަހު ފްލެޓް ލިސްޓް ނެރެނީ

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފްލެޓެއް -- ސަން ފޮޓޯ

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު ހާމަކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދެލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނުވަނީ، މި އަހަރުގެ ރިޔާސީ ދައުރު ފެށުމަށް ބޭއްވި ޖަލްސާގައި ދެއްވި ބަޔާނުގައި، ފުލެޓު ލިސްޓު ރޯދައިގެ ކުރިން ސަރުކާރުން ހާމަކުރާނެ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވައިފައެވެ.

ކަލަންޑަރުގައި އޮތް ގޮތުން، ރޯދަ މަސް ފެށެނީ ހޮނިހިރު ދުވަހު ކަމަށްވާއިރު، މިހާރު ސަރުކާރުން ހަމަޖައްސައިފައި ވަނީ އަންނަ ބުރާސްފަތީގައި ފުލެޓު ލިސްޓު އާންމުކުރާން ކަމަށް ރައީސް ވިދާޅުވިއެވެ.

"ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން ހައުސިން މިނިސްޓަރު ބާއްވާ ޕްރެސް ކޮންފަރެންސަކަށް ފަހު އެ ލިސްޓު އަޅުގަނޑުމެން އިއުލާން ކުރާ ގޮތަށް އޮތީ ހަމަޖެހިފައި. އެހެންވީމަ މި 4،000 ފުލެޓަށް ކުރިމަތިލައިފައިވާ ރައްޔިތުންގެ ތެރެއިން އެ ލިސްޓު ނުކުންނަ އިރުގައި އެނގޭނެ ހުރިހާ ތަފުސީލެއް،" ރައީސް ވިދާޅުވިއެވެ.

އެ ތަފުސީލުތަކުގެ ތެރޭގައި، ފުލެޓު ނުލިބުނު މީހުންނަށް ނުލިބުނު ސަބަބާއި، އެފަދަ މައުލޫމާތު ވަރަށް ދެފުށްފެންނަ ގޮތަކަށް ގެނެސްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި އެއާއެކީގައި ދެން މިނިސްޓަރު ތަފުސީލު ދެއްވާނެ އެ ދުވަހު އޮންނަ ޕްރެސްގައި، ނުލިބޭ ފަރާތެއްވާނަމަ ދެން އެ ކުރިއަށްގެންދިޔުމަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތުތައް، ހުރިހާ ތަފުސީލެއް ދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފްލެޓެއް: އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓު ބުރާސްފަތި ދުވަހު އާންމުކުރާނެ ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ

ރައީސް ވަނީ އެ މަނިކުފާނުގެ އެންމެ މުހިންމު ވައުދުފުޅަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ކުރުން ކަމަށާއި އެ ވައުދު މާލޭގައިއާއި އަތޮޅުތެރޭގައި ވެސް ފުއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓެއް އެ ސަރުކާރުގައި އާންމުކުރިއެވެ. ނަމަވެސް ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

އޭގެ ފަހުން ފުލެޓު ލިސްޓު ނެރުމަށް ހައުސިން މިނިސްޓްރީން އެކި ތާރީޚުތައް ދީފައިވެއެވެ. އެހެންނަމަވެސް ލިސްޓު ނުނެރެވި، ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އެެންމެ ފަހުން ފުލެޓު ލިސްޓު ނެރޭނެ ކަމަށް ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ކަމަށެވެ. އެ ތާރީޚުގައި ވެސް ލިސްޓު އާންމު ނުކުރެވުނެވެ.

އޭގެ ފަހުން ރައީސް ވަނީ ކެބިނެޓަށް ބަދަލު ގެންނަވައިފައެވެ. އެގޮތުން ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރައްވައި، ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލެއްވިއެވެ.

comment ކޮމެންޓް