އިޓާލިއަން ސެރީއާގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީގެ ކޯޗު ކަމުން ވޯލްޓާ މައްޒާރީ ވަކިކޮށް އެމަގާމަށް ފްރެންޗެސްކޯ ކަލްޒޯނާ އައްޔަން ކޮށްފިއެވެ.
ނަޕޯލީއިން މައްޒާރީ މަގާމުން ވަކިކޮށްފައިމިވަނީ މަގާމްގައި އެންމެ ތިން މަސްވީ ތަނާއެވެ. މައްޒާރީ މަގާމާ ހަވާލުވީ އެމަގާމުގައި ކުރިން ހުރި ރޫޑީ ގާސިއާގެ ބަދަލުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މައްޒާރީ މަގާމުން ވަކިކުރިއިރު ނަޕޯލީ އުޅެނީ ސެރީއާގެ ތާވަލްގެ ނުވަ ވަނައިގައެވެ.
ނަޕޯލީގެ ކޯޗު ކަމާ އަލަށް ހަވާލުވި އުމުރުން 55 އަހަރުގެ ކަލްޒޯނާ އަންނަނީ މިވަގުތު ސްލޮވާކިއާ ގައުމީ ޓީމްގެ ކޯޗު ކަންވެސް ކުރަމުންނެވެ. އިޓަލީވިލާތަށް ނިސްބަތްވާ ކަލްޒޯނާވަނީ މީގެކުރިން މައުރީޒިއޯ ސާރީ އާއި ލޫސިއޯ ސްޕަލެެއްޓީ ނަޕޯލީގެ ކޯޗުކަން ކުރި އިރު އެސިސްޓަންޓެއްގެ ގޮތުގައި އެކްލަބްގައި މަސައްކަތް ކޮށްފައެވެ.
މައުލޫމާތުލިބޭގޮތުގައި ކަލްޒޯނާ ނަޕޯލީގެ ކޯޗު ކަމާ ހަވާލުވެފައިވަނީ މިފަހަރުގެ ސީޒަންގެ ނިޔަލަށެވެ. އަދި ކުރިއަށް އޮތް ޔޫރޯ މުބާރާތުގައި ސްލޮވާކިއާ ޓީމްގެ ކޯޗެއްގެ ގޮތުގައި ހުންނަނީ ކަލްޒޯނާ ކަމުގައިވެސް ސްލޮވާކިއާ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކުރެއެވެ.
ކަލްޒޯނާ އާއި ސްލޮވާކިއާ ހަދާފައިވާ އެއްބަސްވުން މިއަންނަ އަހަރުގެ ނިޔަލަށް ދެމި އޮންނާނެ ކަމަށާއި 2026 ވަނަ އަހަރުގެ ވާލްޑް ކަޕަށް ސްލޮވާކިއާ ކޮލިފައިވެއްޖެނަމަ އޮޓަމެޓިކުން އެއްބަސްވުން އާވާނެކަމަށްވެސް ސްލޮވާކިއާއިން ހާމަކުރެއެވެ. އަދި މިކަމުގެ ސަބަބުން އެ ގައުމުގެ އާންމު ރައްޔިތުންނަށް އަރާފާނެ އޮޅުމާމެދު ވިސްނާ ކަމަށާއި ނަމަވެސް ކަލްޒޯނާ އާއި ނަޕޯލީއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން އޭނާއަށް މިކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ސްލޮވާކިއާ އެފް އޭއިން އެކަމަށް އެއްބަސްވީކަމުގައި އެފަރާތުން ހާމަކުރެއެވެ.
ކަލްޒޯނާ އެކިފަހަރުމަތިންވަނީ, އޭނާ އެންމެ ބޮޑު އިސްކަމެއް ދޭނީ ސްލޮވާކިއާ ޤައުމީ ޓީމް ކުރިއަށް ޔޫރޯ މުބާރާތަށް ފުރިހަމައަށް ތައްޔާރު ކުރުމަށްކަމަށް ބުނެފައެވެ.
ނަޕޯލީގެ ވެރިޔާ އައުރޭލިއޯ ޑި ލައުރެންޓިސް ވަނީ މައްޒާރީ އެކްލަބަށް ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ. ނަޕޯލީއިން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާރޭ ނިކުންނާނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ ލެގްގައި އެފްސީ ބާސެލޯނާއާ ދެކޮޅަށެވެ.