ސަރުކާރަށް އައްޔަންކުރައްވާފައިވާ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންގެ އަދަދު މަދުކޮށްފައި ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންދަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
މި މަހު ފަސްވަނަ ދުވަހު، މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ ފުރުސަތު މިއަދު ވަނީ އިދިކޮޅު އެމްޑީޕީއަށް އަރުވައިފައެވެ.
އެ ފުރުސަތުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ކުރީ ސަރުކާރުން ފެށި ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ސިވިލް ސާވަންޓުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މުސާރަ ކުޑަވުން ކަމަށެވެ.
އެހެންވެ، ކުރީ ސަރުކާރުން ފައްޓާފައި އޮތް ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން، މި ސަރުކާރުން ކޮންމެހެން ވެސް ސިވިލް ސާވަންޓުންގެ މުސާރަތައް ބޮޑުކުރަންޖެހޭ ކަމަށެވެ. އެކަން ނުކުރައްވާތީ އޭނާ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
"މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތަކީ ކުރިއަށް ގެންދަންޖެހޭ ކަމެއް. އެހެނިހެން ހަރަދުތައް ކުޑަކޮށްގެން ވެސް ކުރަންޖެހޭ ކަމެއް. ޑެޕިއުޓީ މިނިސްޓަރުން މަދުކޮށްގެން ވެސް ކުރަންޖެހޭ ކަމެއް،" ބިގޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރެވޭނީ ފެންވަރު ރަނގަޅު މުވައްޒަފުން ހޯދިގެން ކަމަށެވެ. އެކަން ކުރެވޭނީ ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަން އެމްޑީޕީން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ސިވިލް ސާވަންޓުންނާއި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމަނާފައިވާނެކަން ފާހަގަކޮށް ބިގޭ ވިދާޅުވީ އެކަން ނުކޮށް ސަރުކާރުން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަދިވެސް ސަރުކާރުން އެކަން ނުކުރައްވާ. އެކަމަކު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުންދަނީ އިންތިހާއަށް،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާ މިންވަރު އިތުރުކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއިރު، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ އިސްތިސްނާ ހާލަތެއްގައި ފިޔަވާ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުން ހުއްޓަވައިލެއްވި ނަމަވެސް މި ސަރުކާރުގައި މިހާރު ވެސް 90 އަށް ވުރެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި 160 އަށް ވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ. އަދި، ރައީސް އެކުލަވައިލެއްވި 22 ވުޒާރާ ހިމެނޭ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކެބިނެޓު މިނިސްޓަރުންގެ އިތުރުން ވެސް 20 ބޭފުޅުން މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކޮށްފައި އެބަތިއްބެވެ.
ޖުމުލަ ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައަށް މަހަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.