ޔާމީންގެ ވާހަކަ ރަައީސް ދައްކަވަނީ ވޯޓު ހޯއްދަވަން ކަމަށް ޖަމީލް ތުހުމަތުކުރައްވައިފި

ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު: އޭނާ ވަނީ ޔާމީންގެ ނަން އިންތިޚާބަށް ބޭނުންކުރާ ކަމަށް ތުހުމަތު ކުރައްވައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވާހަކަދެއްކެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ކަމަށް ޔާމީންގެ ކުރީގެ ނައިބު ރައީސް އަދި އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަޙުމަދު މިރޭ ތުހުމަތުކުރައްވައިފިއެވެ.

ރައީސް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިދާޅުވީ، ޔާމީނަށް އިންސާފު ލިބުމަކީ ގައުމަށް އެންމެ އިންސާފުވެރި ގޮތް ކަމަށާއި، އެ މަނިކުފާނުގެ ޝަރީއަތަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެކަމަށެވެ.

އެ ވާހަކަފުޅަށް ރައްދުދެއްވައި ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަނެއްކާވެސް އިންތިޚާބާ ދިމާކޮށް ރައީސް ޔާމީންގެ ނަން ރައީސް ބޭނުންކުރައްވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ ވައުދު ނުފުއްދަވާތީ އެކަމާ ގުޅޭ ގޮތުން އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"ﷲ އަށް ބިރުގަނޭ! އަމިއްލަ ސްޓްރެންތްގައި އިންތިޚާބު މޮޅުވޭތޯ ބައްލަވާ؟ ދެނެއް ރައްޔިތުން ގުނބޯ ނުހެއްދޭނެ،" ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ކޯޓުގެ ވަކި ފަނޑިޔާރަކަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ވެސް ޖަމީލް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.

ރައީސް މިރޭ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވެރިކަން ފެށުނު ދުވަހުން ފެށިގެން ޝަރުއީ ދާއިރާ ވަނީ މިނިވަންވެފައެވެ.

https://sun.mv/188833

ރައީސް ޔާމީނުގެ ޝަރީއަތަށް މި ސަރުކާރުން ވެސް ނުފޫޒު ފޯރުވާކަމަށް ބުނެ ވާހަކަތައް ފެތުރެން ފެށީ، ރައީސް ހުވައިކުރެއްވި ދުވަހު ޔާމީން މިނިވަންވާނެކަމަށް މީގެ ކުރިން ރައީސް ވިދާޅުވި ކަމަށް ބުނެއެވެ.

ރައީސް މުއިއްޒު، ޔާމީންގެ ބަދަލުގައި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވީ އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިނުގަތުމުންނެވެ. ރައީސް މުއިއްޒު ވާދަކުރެއްވީ ޔާމީންގެ ތާއިދާއެކު ނަމަވެސް، އެ މަނިކުފާނު އިންތިޚާބުވި ފަހުން ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ވެސް ނުވަނީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ.

ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމުންނެވެ.

އެ މައްސަލައިގައި ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ނިމުނުތާ މިހާރު ވަނީ ތިން މަސް ދުވަސް ވެފައެވެ. ނަމަވެސް އަދިވެސް އެ މައްސަލައިގެ ހުކުމް ކުރުން ތާވަލެއް ނުކުރެއެވެ.

ޔާމީނަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ޝަރީއަތް ލަސްކުރާ ކަމުގެ ތުހުމަތު ކުރަމުންނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީޕީއެމް، ޕީއެންސީން ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެއެވެ. އަދި ޔާމީނަށް ތާއިދުކުރާ 47 ކެންޑިޑޭޓުން ވެސް ވާދަކުރަން ފޯމް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް