ފ. ފީއަލީގައި ހިއްކާފައި އޮތް ބިމުން ގިރައިގެން ގޮސްފައިވާ ސަރަހައްދާ އެއްކޮށް، ވަރަށް އަވަހަށް މަޝްރޫއު އެއްކޮށް ނިންމައިލަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ސީދާ ރައީސް މުއިއްޒާ ސުވާލު ކުރެވޭ "ރައީސްގެ ޖަވާބުގެ" މިއަދުގެ ޕްރޮގްރާމްގައި ފ.ފީއަލީ، ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން، އެ ރަށު ބިން ހިއްކުން، ބަނދަރު ހެދުން، އަދި މަގު ހެދުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށްދާނެގޮތެއް އޮޅުންފިލުވުމަށް ރައީސާ ސުވާލުކޮށްފައެވެ.
"މިހާރު ގިރަމުން ގިރަމުން ގޮސް ވަރަށް ބޮޑުތަން ގިރައިފި. އަޅުގަނޑު އެދެނީ ރައީސް މުއިއްޒު ކިބައިން އެ ކަމަށް އަވަސް ހައްލެއް ލިބޭނީ ކޮން އިރަކުންތޯ،" ޝަނޫން ސުވާލު ކުރިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ރަށު ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މިހާރު އެމްޓީސީސީން ކުރަމުން އަންނަނީ ހިއްކާފައި އޮތް ސަރަހައްދުގައި ރިވެޓްމަންޓު ޖެހުމަށްޓަކައި ބޮޑު ހިލަ ގެންދިއުމުގެ މަސައްކަތް ކަމަށެވެ.
"އެ މަސައްކަތް ވަރަށް އަވަސްކޮށްދޭން އަޅުގަނޑު ދަންނަވާފައިވާނެ. އުންމީދުކުރަނީ މާ ލަސްތަކެއް ނުވެ، ބޮޑު ހިލަ ގެންދެވި، ބޮޑު ހިލަ ޖަހާއިރުގައި ތި ވިދާޅުވި ގިރައިގެން ގޮސްފައި އޮތް ސަރަހައްދާ އެކީގައި ރަނގަޅަށް ނުހިކި އޮތް ސަރަހައްދާ އެއްކޮށް ކޮމްޕްލީޓު ކުރާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ ވެވަޑައިގެން ވައުދުފުޅުތަކާ އެއްގޮތަށް ފައުދުފުޅުތައް ފުއްދަވަމުން ގެންދަވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
އެގޮތުން، ފީއަލި ހިމެނޭހެން ގިނަ ރަށްރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރަން ވެފައިވާ ވައުދު ވެސް ފުއްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ތާވަލު ކުރެވިގެން، ބަޖެޓު ހަމަޖެހިގެން އަންނަ ވަރަކުން އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް މަގުހެދުން ފީއަލީގައި ވެސް ކުރިއަށްދާނެ. ތާވަލު ކުރެވިގެން ބަޖެޓު ހަމަޖެހޭ ވަރަކުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން މަސައްކަތްތައް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ހަމަ އެ އުސޫލުން ފީއަލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.