ރާއްޖޭގެ މާލީ ހާލަތު އަންނަނީ އަންދާޒާކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވަމުން: ސައީދު

އިގުތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު: ރާއްޖޭގެ މާލީ ހާލަތު އަންނަނީ އަންދާޒާކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވަމުން އޭނާ ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ މާލީ ހާލަތު, ކުރިން އަންދާޒާކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގައި ބުނެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ. އެ ވާހަކަތަކުގައި ވަނީ، ރާއްޖެއިން އައިއެމްއެފްގެ އެހީއަށް އެދި، އެ ފަންޑުން ޝަރުތުތަކެއް ކަނޑައަޅާފައިވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެއްބަސްވެފައި ކަމަށް ވެސް ބުނެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ ރާއްޖެއިން ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލުމަށް ޓަކައި ފިލައި ތިބެ ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި އެއީ އެމީހުން އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ހަފުތާގައި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ވޯލްޑް ގަވަމަންޓް ސަމިޓުގެ ހަވާސާގައި އެމަނިކުފާނު ވަނީ އައިއެމްއެފް ފަންޑުގެ މެނޭޖިން ޑިރެކްޓަރު ކްރިސް ޓަލީނާ ޖޯޖީވާއާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ޖޯޖީވާ ވަނީ، ރާއްޖޭގެ އިގްތިޞާދަށް އެތެރެއިންނާއި ބޭރުގެ އެކި ހާލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޓަކައި ރަނގަޅު ފިސްކަލް ސިޔާސަތުތަކެއް ތަންފީޒުކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

ޖޯޖީވާ ވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިގްތިޞާދީ ގޮތުން މިހާރު އަޅުއްވައިފައިވާ ފިޔަވަޅުތަކަކީ އިގްތިޞާދީ ގޮތުން ރާއްޖެ ކުރިއަރައި ދިއުމަށާއި، ހިންދެމިލުމަށް ފަހިވާނެ ބާރުހުރި ކަންކަން ކަމަށް ވިދާޅުވެފައެވެ.

https://sun.mv/188609

އަދި ސަރުކާރުގެ ސިޔާސަތުތަކާމެދު އައިއެމްއެފްގެ ފުރިހަމަ އިތުބާރު އެބަ އޮތްކަމަށާއި އެއީ ހާލަތު ރަނގަޅުކުރުވާނެ ކަންކަން ކަމަށް ޖޯޖީވާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް