މިނިސްޓަރުގެ އިލްތިމާސް: ބޭރު ގައުމަކުން ކިޔެވުމަށްފަހުގައި ވެސް، ރާއްޖެއަށް ޚިދުމަތްކޮށްދެއްވާ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު -- ފޮޓޯ: ރައީސް އޮފީސް

މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރާ ދިވެހީން، ތައުލީމު ހާސިލްކުރުމަށްފަހު، އަލުން ރާއްޖެ އައިސް ގައުމަށް ޚިދުމަތްކޮށްދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ އިލްތިމާސްކުރައްވައިފިއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރުމަށް މިރޭ ދުބާއީގެ، ތާޖު ދުބާއީ ހޮޓަލުގައި އޮތް ހަފުލާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ރާއްޖެއިން ބޭރަށް ކޮންމެ އަހަރަކު ވެސް އެކި ސްކޮލަޝިޕް ޕްރޮގްރާމްތަކާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕްތަކުގައި ރާއްޖެއިން ބޭރަށް ފުރާ ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން ގިނަ ދިވެހީން، ތައުލީމަށްފަހު އެނބުރި ރާއްޖެ އަންނަނީ މަދު ފަހަރެއްގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ ދަރިވަރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގައި، ހައި އެޗީވާޒް ސްކޮލަޝިޕްގައި އަދި އެހެނިހެން ދައުލަތުގެ ސްކޮަލިޝަޕްތަކުގައި ވެސް މަތީ ތައުލީމް ހާސިލްކޮށްގެން ދިވެހިރާއްޖެއަށް އަނބުރާ ނާދޭ. މިއީ ވަރަށް ބޮޑު ދެރައެއް، ވަރަށް ބޮޑު ގެއްލުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުން ތަޖުރިބާއާއި ތައުލީމް ހާސިލްކުރުމަށްފަހު ރާއްޖެއަަށް ޚިދުމަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އަޒުމަށް ހަދަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔެވުމަށްފަހު ރާއްޖެއަށް ޚިދުމަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ހަފުލާގައި ވާހަކަދަައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދިވެހީން، އަމިއްލަ ގައުމުން ބޭރުގައި ދިރިއުޅުނު ނަމަވެސް، ދިވެހި ދަރީން، ދިވެހި ގައުމިއްޔަތުގެ ތެރޭގައި ތަރުބިއްޔަތުކުރުމަކީ ދިވެހި ބެލެނިވެރިންގެ ވިސްނުންކަން ޔަގީންކުރައްވާ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމުގެ ތެރޭގައި އެކި ދާއިރާތަކުން ޚާއްސަވެ، ތައުލީމު ހާސިލްކޮށްފައި ތިބި ދިވެހީން މަދުވުން ހިމެނެއެވެ.

އެހެންވެ، ގިނަފަހަރު ޖެހެނީ ބޭރު މީހުންނަށް އެ ފަދަ ބޮޑު މަސައްކަތްތައް ހަވާލުކުރާށެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް ރާއްޖޭގައި މަތީ ތައުލީމުގައި މޮޅު ވަނަތައް އެކި ދާއިރާތަކުން ކިޔަވައިގެން ހާސިލްކުރާ ކުދިން އުޅެއެވެ.

comment ކޮމެންޓް