ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށައިފި

ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން: އެ އެއާލައިނުން އައި ފުރަތަމަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވޭ -- ފޮޓޯ/ އެމްއެމްޕީއާރުސީ

ޗައިނާގެ ޒިއަމެން އެއާލައިންސްއިން މިއަދު ރާއްޖެއަށް ދަތުރުތައް ފަށައިިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ އެމްއެމްޕީއާރުސީން ބުނި ގޮތުގައި، ޒިއަމެން އެއާލައިންސްއިން ދަތުރުތައް ބާއްވާނީ ޗައިނާގެ ފުޖިއަން ޕްރޮވިންސާއި ރާއްޖެއާ ދެމެދުގައެވެ.

އެ އެއާލައިނުގެ ފްލައިޓް އެމްއެފް8017އިން މިއަދު އައި ފުރަތަމަ ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި ޗައިނާގެ ސަފީރު ވާންގް ލީޝިން އާއި އެއާޕޯޓްސް ކޮމްޕެނީ އާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިސްވެރިން ވަޑައިގަތެވެ.

ޗައިނާއަކީ ރާއްޖެއަށް އާންމުކޮށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. ކޮވިޑް-19 ފެތުރުމާ ގުޅިގެން އެގައުމުން ފަތުރުވެރިން އައުން މަޑުޖެހުމަށް ފަހު، ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން: އެ އެއާލައިނުން ދަތުރުތައް ކުރާނީ ރާއްޖެއާއި ޗައިނާގެ ފޫޖިއާން ޕްރޮވިންސްއާ ދެމެދު -- ފޮޓޯ/ އެމްއެމްޕީއާރުސީ

މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް 187،125 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެގޮތުން އެ އަހަރު އެއީ ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ.

މިއަހަރު ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފައެވެ. އަދި މިމަސް ފެށުމާއެކު ޗައިނާވަނީ ރާއްޖޭގެ އެންމެ ބޮޑު މާކެޓުގެ މަގާމު ހޯދައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެގައުމުން 40،892 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން: އެ އެއާލައިނުން އައި ފުރަތަމަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވޭ -- ފޮޓޯ/ އެމްއެމްޕީއާރުސީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ ޗައިނާއަށެވެ. މިދިޔަ މަހުގެ އަށަކުން 13އަށް ކުރެއްވި އެ ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ފޫޖިއާންއަށެވެ.

ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް ފޫޖިއާންގައި 'އިންވެސްޓް މޯލްޑިވްސް 2024'ގެ ނަމުގައި ބޭއްވި ވިޔަފާރި ފޯރަމެއްގައި ރައީސް ބައިވެރިވެވަޑައިގަތެވެ. އަދި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ހަދައިދިނުމަށް އެ ފޯރަމްގައި ރައީސް އެދިވަޑައިގަތެވެ.

comment ކޮމެންޓް