ނަހުލާއާއި ގާސިމް ހިމެނޭހެން ޖޭޕީގެ 10 ކެންޑިޑޭޓުން

ޑިސެމްބަރ 9، 2019: ޖޭޕީގެ ޖަލްސާއެއްގައި ގާސިމާއި ނަހުލާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ޖުމުލަ 93 ދާއިރާގެ ތެރެއިން 10 ދާއިރާއަކަށް ވާދަކުރަން ފޯމު ހުށަހަޅައިފިއެވެ.

ޖޭޕީން ނިންމާފައިވަނީ މި އިންތިޚާބުގައި 10 ދާއިރާއަކަށް ވާދަ ކުރާށެވެ. އެއީ:

  • މާމިގިލީ ދާއިރާއަށް - ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
  • ހުޅުމާލެ ދެކުނު ދާއިރާއަށް - އައިޝަތު ނަހުލާ (ގާސިމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު)
  • ކެންދޫ ދާއިރާއަށް - މިހާރު ވެސް އެ ދާއިރާގެ މެންބަރު އަލީ ހުސައިން
  • ހެންޥޭރު ހުޅަނގު ދާއިރާއަށް - ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް
  • އުންގޫފާރު ދާއިރާއަށް - ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
  • ދުވާފަރު ދާއިރާއަށް - ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު
  • ތިނަދޫ އުތުރު ދާއިރާއަށް - ކުރީގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު
  • ނޮޅިވަރަމް ދާއިރާއަށް - ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީ
  • ދާންދޫ ދާއިރާއަށް - ނިސާމާ މުހައްމަދު
  • އޭދަފުށީ ދާއިރާއަށް - މުހައްމަދު ނާސިރު

ޖޭޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ބޭފުޅުން ފޯމް ހުށަހެޅުމަށް ދަރުބާރުގޭގައި-- ފޮޓޯ: ޖޭޕީ

އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ޖޭޕީގެ 20،000 އަށްވުރެ ގިނަ މެންބަރުން ތިބެއެވެ. އެކަމަކު، ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ޖޭޕީގެ ލީޑަރު ގާސިމަށް ލިބިވަޑައިގަތީ 5,460 ވޯޓެވެ.

އޭގެ ފަހުން، ދެވަނަ ބުރުގައި ޖޭޕީން އެއްވެސް ޕާޓީއަކަށް ތާއީދުނުކުރި ނަމަވެސް، ގާސިމް މި ފަހުން ގެންދަވަނީ މި ސަރުކާރަށް ތައުރީފުކުރައްވަމުންނެވެ. އަދި، ސަރުކާރު ހިންގާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ގާސިމް ވާދަކުރައްވާ މާމިގިނލީ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރޭން ވެސް ނިންމައިފައެވެ.

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ޖޭޕީގެ ދެ މެންބަރުންނެވެ. އެއީ، ގާސިމާއި އަލީ ހުސައިނެވެ.

comment ކޮމެންޓް