މަޖިލީހަށް އަމިއްލަގޮތުން ވާދަކުރަން ޖާބިރު ފޯމު ހުށަހަޅައިފި

ޖާބިރުގެ ފޯމް އީސީއާ ހަވާލުކުރަނީ --

ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރަން، މިހާރު ވެސް މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވާ އަބްދުﷲ ޖާބިރު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފިއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ފޯމް އީސީއާ ހަވާލުކޮށްފައި ވަނީ އޭނާގެ އަންހެން ދަރިފުޅުން އައިމިނަތު ޖާބިރާއި ފިރިހެން ދަރިކަލުން މުހައްމަދު ޖާބިރެވެ. ޖާބިރު ފޯމު ހުށަހަޅަން ވަޑައިގަތް ކަމެއް ނުވަތަ ނޫންކަމެއް ޔަގީނެއް ނުވެއެވެ.

ޖާބިރުގެ ފޯމު ހުށަހަޅަން އޭނާގެ ދަރިފުޅު އަހްމަދު މުއާޒު ވެސް ވަޑައިގަތެވެ. އޭނާ ވަނީ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ އައެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވާފައެވެ. އަދި އިއްޔެ ވަނީ އީސީއަށް ފޯމު ވެސް ހުށަހަޅުއްވާފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައި އެމްޑީޕީއާ ގުޅި، ޖާބިރު ވަނީ އެ ޕާޓީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓަށް ވާދަކޮށް ޓިކެޓު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޕްރައިމަރީ ބޭއްވިތާ ދެދުވަސް ފަހުން ޖާބިރުގެ ޓިކެޓު އަތުލައި އޭނާ ޕާޓީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމިއެވެ.

އެ ޕާޓީން ބުނީ، ޖާބިރު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުންދާ ކަމަށެވެ.

ޖާބިރު އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހެޅިއެވެ.

https://sun.mv/188561

ނަމަވެސް އިސްތިއުނާފު ނުނިމެނީސް އެމްޑީޕީން ވަނީ، އެ ޓިކެޓު ވަކީލު އަބްދުﷲ ނަސީރަށް ދީފައެވެ.

comment ކޮމެންޓް