އިސްތިއުނާފު ނުނިމެނީސް އެމްޑީޕީން ޖާބިރުގެ ޓިކެޓް، ނަސީރަށް ދީފި

ވަކީލު އަބްދުﷲ ނަސީރު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް، ވަކީލު އަބްދުﷲ ނަސީރަށް ދޭން އެ ޕާޓިން ނިންމައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރެއްވީ މިހާރު ވެސް މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވާ އަބްދުﷲ ޖާބިރެވެ. ނަމަވެސް، އޭގެ ދެ ދުވަސް ފަހުން ޖާބިރުގެ ޓިކެޓު އަތުލައި އޭނާ ޕާޓީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމިއެވެ.

އެ ޕާޓީން ބުނީ، ޖާބިރު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރައްވަމުންދާ ކަމަށެވެ. މިއާއެކު ޖާބިރު ވަނީ އެ މައްސަލަ އިސްތިއުނާފު ކުރަށް ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، އިސްތިއުނާފީ މަރުހަލާ ނުނިމެނިސް ޓިކެޓު ނަސީރަށް ދޭން ނިންމީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތީ ކަމަށެވެ.

އަދި މިމަހުގެ 10ވަނަ ދުވަހުގެ ފަހުން ކުށުގެ ރިކޯޑު ސާފު ކުރަން ހުށަހަޅައިގެން އެކަން ނުވާނޭ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވެސް އަންގާފައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ނަސީރުގެ ކުށުގެ ރިކޯޑު ސާފު ކުރަން ހުށަހަޅައި އެކަންކަން ކުރަމުން ދަނީ،" އިބްރޭ ވިދާޅުވިއެވެ.

ނަސީރު ވަނީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި، ރައީސް އޮފީހުގެ ލީގަލް އަންޑަ ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ.

comment ކޮމެންޓް