ކަންބޮޑުވުން ބޮޑުވުމުން، ތެލަސީމިއާ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އެސްޓީއޯ ހަވާލުކުރުމުން, ކަންބޮޑުވުން ފާޅުކުރަން ފެށުމުން ތެލަސީމިއާ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފިއެވެ.

އެ ބަދަލާ ގުޅިގެން ބައެއް މީހުން ވަނީ އެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެހެންވެ، އެ ކަމުގެ ތަފުސީލު ހޯދަން ހެލްތު މިނިސްޓްރީއާއި އެމްބީއެސް އަދި ތެލަސީމިއާ ސޮސައިޓީގެ ބޭފުޅުން މިއަދުގެ ބޭއްވި މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ވަނީ ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ގާސިމް ވިދާޅުވީ، އުސޫލަށް ބަދަލު ގެނައީ ފަރުވާ މެދުކެނޑުނަނުދީ ފަރުވާ ދެމެހެއްޓޭނެކަން ކަށަވަރުކުރަން ކަމަށެވެ.

"އެއްވެސް ސަބަބެއް އޮވެގެން ނުވާނެ، އެ ފަރުވާ ނުހުންނަންޖެހޭ. ގްރޭޓާ މާލެ ފިޔަވާ، ހުރިހާ ތަނެއްގައި ސިއްހީ ފަރުވާދޭ ހުރިހާ ތަނެއްގައި އެސްޓީއޯ ފާމަސީއެއް ހުންނާނެ. އިމާރާތް ތެރޭގައި ނޫނީ ގޯތި ތެރޭގައި ފާމަސީއެއް ހުންނާނެ" ސްޓޭޓު މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/188449

ގާސިމް ވިދާޅުވީ، ބައެއް ތަކެތި ލިބުން ދަތިވުމާއި މެދުކެނޑޭ ކަމުގެ ޝަކުވާ ކުރިން ލިބޭ ކަމަށެވެ. އެހެންވެ، ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުން އެސްޓީއޯއާ ހަވާލުކުރީ މެދުނުކެނޑި ލިބެން ހުންނާނެކަން ކަށަވަރުކުރަން ކަމަށެވެ.

އަދި، ތެލަސީމިއާ ސެންޓަރުން ބޭސް ނުލިބޭކަމުގެ ޝަކުވާއަށް ހައްލު ހޯދަން އެ ސެންޓަރުގައި މިހާރު އެސްޓީއޯގެ ފާމަސީއެއް ގާއިމުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެސްޓީއޯއާ ވާހަކަދައްކައިގެން ތެލަސީމިއާ ސެންޓަރުގައި، އެ އިމާރާތް ތެރޭގައި ފާމަސީއެއް ގާއިމުކޮށްފައިވާނީ،" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޭސް ހޯދަން ތަކުލީފެއް އުފުލަން ނުޖެހޭނެކަން ކަށަވަރުކޮށްފައިވާނެ ކަމަށާއި ތެލަސީމިއާ ސެންޓަރު ތެރެއިން ބޭނުންވާ ހުރިހާ ބޭހެއް ލިބޭނެ ކަމަށެވެ.

ތެލަސީމިއާ ބޭސް ނެގުމަށް ގެނައި ބަދަލާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި، ތެލެސީމިއާއަށް ފަރުވާ ހޯދާ މީހަކު ބުނި ގޮތުގައި، ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ގޮސް ކިއުގައި ޖެހި ބޭސް ނެގުމަކީ އެމްބީއެސްއިން ބޭސް ނެގުމަށް ވުރެ އުނދަގޫ ކަމެކެވެ. އަދި، ހަމައެކަނި ތެލެސީމިއާ ޕޭޝަންޓުން ބޭނުންވާ ބޭހެއް، އެމްބީއެސްގެ ބަދަލުގައި ފާމަސީން ފޯރުކޮށްދޭން ފެށުމަކީ މާނައެއް ނެތް ކަމެއްކަމަށް އޭނާ ލިޔެފައިވެއެވެ.

އެކަމަކު، އެ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ގާއިމުކުރުމާ އެކު މިހާރު އެ ތަކުލީފު އުފުލަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް