ތެލިސީމިއާ ބޭސް ފާމަސީތަކުން ނަގައި ގޮތަށް ހެދި މައްސަލަ މަޖިލީހުން ބަލަނީ

މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އެސްޓީއޯ ހަވާލުކުރުމުން, އެ ބަދަލު ގެނައި ސަބަބު ހޯދަން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން މިއަދު ބަލަން ފަށައިފިއެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ވޭތުވެ ދިޔަ 30 އަހަރު ފޯރުކޮށްދިނީ ހަމައެކަނި އެމްބީއެސްއިންނެވެ. އޭރު ޑޮކްޓަރަށް ދެއްކުމަށް ފަހު އެއް ފަންގިފިލާއަކުން އެކުދިންނަށް ބޭސް ލިބެއެވެ. ނަމަވެސް، އެކަން މިދިޔަ މަހު ސަރުކާރުން ބަދަލުކުރީ ކުރިއަށްވުރެ ލުއި ގޮތްތަކެއް ހޯދައިދިނުމަށް ފެށި މަސައްކަތުގެ ތެރެއިންނެވެ.

އެ ބަދަލާ ގުޅިގެން ތެލަސީމިއާއަށް ފަރުވާ ހޯދައި މީހުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން މިއަދު މެންދުރު ކުރީ ވަނީ އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ވަނީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ތެލަސީމިއާ ކޮމިއުނިޓީގެ މީހުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފައެވެ.

ކޮމިޓީގެ އިތުރު ބައްދަލުވުމެއް އަންނަ ހަފުތާގައި ބާއްވަން ވެސް ވަނީ ނިންމައިފައެވެ.

https://sun.mv/188396

ތެލަސީމިއާ ބޭސް ނެގުމަށް ގެނައި ބަދަލާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި، ތެލެސީމިއާއަށް ފަރުވާ ހޯދާ މީހަކު ބުނި ގޮތުގައި، ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ގޮސް ކިއުގައި ޖެހި ބޭސް ނެގުމަކީ އެމްބީއެސްއިން ބޭސް ނެގުމަށް ވުރެ އުނދަގޫ ކަމެކެވެ. އަދި، ހަމައެކަނި ތެލެސީމިއާ ޕޭޝަންޓުން ބޭނުންވާ ބޭހެއް، އެމްބީއެސްގެ ބަދަލުގައި ފާމަސީން ފޯރުކޮށްދޭން ފެށުމަކީ މާނައެއް ނެތް ކަމެއްކަމަށް އޭނާ ލިޔެފައި ވެއެވެ.

"ދިފާއީ ނިޒާމު ބަލި، އިންފެކްޝަންތަކަށް ފަސޭހައިން ހުށަހެޅޭ ޕޭޝަންޓުން އެސްޓީއޯ ފާމަސީގައި މި ބޭސް ހޯދުމަށް ކިއުގައި ޖެހި ބޭސް ހޯދަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ލިޔެފައި ވެއެވެ.

ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން ސިފަކުރާ ގޮތުގައި މިއީ އެ މީހުންނަށް ދޭ ފަރުވާއަށް ލިބުނު ކުރިއެރުމެއް ނޫނެވެ. މިއީ ކުރިމަތިވި ހުރަހެކެވެ. އަދި، މި ބަދަލު ގެނައީ އެމްބީއެސްގެ އިދާރީ ފަސޭހައަކަށް ކަމަށް ތެލެސީމިއާ ފަރުވާ ހޯދާ ބައެއް ކުދިން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރި އިތުރު މީހަކު ބުނި ގޮތުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ސަމާލުކަމަށް މި މައްސަލަ ގެނައި ނަމަވެސް ކުރިން މިކަން އޮތް ގޮތަށް ބަދަލު ކުރަން އެމީހުން ވަނީ ދެކޮޅު ހަދައިފައެވެ. އަދި، މިކަމާ ގުޅިގެން ޕޭޝަންޓުންގެ ޝަކުވާ އެމްބީއެސްއިން އަޑުއަހަން ބޭނުން ނުވާކަމަށް އެ މީހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދަން "ސަން"އިން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ބަހެއް ލިބިފައިނުވެއެވެ. ނަމަވެސް، މިކަމާ ގުޅުން ހުރި މައުލޫމާތު ހިއްސާކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް