މިއަހަރު އިގުތިސާދަށް 5.5 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ: ސައީދު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: މިއަހަރު އިގުތިސާދަށް 5.5 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މިއަހަރު ރާއްޖޭގެ އިގުތިސާދަށް 5.5 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވައްޓާލާފައި އޮތީ ނުރައްކާތެރި މާލީ ހާލަތަކަށް ކަމަށެވެ. އެހެންވެ އެހާލަތުން ގައުމު ސަލާމަތްކޮށް، ދަރަންޏާއި ނުދައްކާހުރި ބިލްތައް ސަރުކާރުން ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ މިއަހަރު އިގުތިސާދީ ކުރިއެރުން ލިބޭނެ ކަމަށާއި ސޮވްރިން ޑިވްލޮޕްމަންޑް ފަންޑް (އެސްޑީއެފް)އަށް އަލުން ޑޮލަރު ޖަމާކުރަން ފަށައިފައިވާ ކަމަށެވެ.

ތަރައްގީގެ އެކި މަޝްރޫއުތަކަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިގުތިސާދަށް ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ފައިސާ އެއްކުރުމަށް އެސްޑީއެފް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2017ގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބޭނުންވި ޑޮލަރަށް، އެސްޑީއެފްގައި ހުރި ޑޮލަރު މާރުކޮށްފައިވާތީ އެ ފަންޑުގެ ބޮޑުބައި ވަނީ ރުފިޔާއަށް ބަދަލުކޮށްފައެވެ. އެ ފަންޑުގައި ހުރި ފައިސާ ޑޮލަރަށް ބަދަލުކުރުމަކީ މި ސަރުކާރުން ފުރަތަމަ 14 ހަފުތާގައި ކުރަން ނިންމާފައިވާ ކަމެކެވެ.

އެ މަސައްކަތުގެ ދަށުން، އެސްޑީއެފަށް އަލުން ޑޮލަރު ޖަމާކުރަން ފަށައިފައިވާކަން ރައީސްވަނީ މިމަހުގެ ފަހެއްގައި އިއުލާންކުރައްވައިފައެވެ.

ސައީދު މިއަދު އެކްސްގައި އެ ވާހަކަ ދެއްކެވީ، ބީއެމްއެލްގެ ކާޑުން ނެގޭ ބޭރު ފައިސާގެ އަދަދު ކުޑަ ކުރަން އުޅޭ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނަކާ ގުޅުވައިފައެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެފައިވާތީ، ކާޑުތަކަށް ދޭ ލިމިޓް ކުޑަކުރަން އެ ބޭންކުން ނިންމައިފައިވާ ކަމަށް އިތުބާރުހުރި މަސްދަރުތަކުން ވަނީ "ސަން"އަށް މައުލޫމާތު ދީފައެވެ.

https://sun.mv/188596

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ، ބޭންކުން މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައިނުވާކަން ބީއެމްއެލްއިން އެ މިނިސްޓްރީއަށް އަންގައިފައިވާ ކަމަށެވެ.

comment ކޮމެންޓް