ގައުމީ ބޭންކް، ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ކުޑަ ކުރަން މިހާތަނަށް އެ ބޭންކުން ނިންމާފައިނުވާ ކަމުގެ ޔަގީންކަން، އެ ބޭންކުން ފިނޭންސް މިނިސްޓްރީއަށް ދީފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް އެ މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ބީއެމްއެލްއިން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަމައެއާއެކު، މާލީ އަދި އިގުތިސާދީ ހާލަތު ރަނގަޅުކޮށްމ ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަ ކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކުމުން އަރައިގަނެ، ރާއްޖޭގެ އިގުތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބީއެމްއެލްއިން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން މިހާރު މަހެއްގެ މައްޗަށް 250 ޑޮލަރު، އަދި ކްރެޑިޓް ކާޑުތަކުން 750 ޑޮލަރުގެ މުއާމަލާތް މަހެއްގެ މައްޗަށް ކުރެވެއެވެ.
ނަމަވެސް، ޑޮލަރު ލިބުން ދަތިވެފައިވާތީ މިހާރު ކާޑުތަކަށް ދޭ ލިމިޓް ކުޑަކުރަން އެ ބޭންކުން ނިންމައިފައިވާ ކަމަށް އިތުބާރުހުރި މަސްދަރުތަކުން ވަނީ "ސަން"އަށް މައުލޫމާތު ދީފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 25ގައި ސަރުކާރުން ނިންމައިފައިވަނީ، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގެން އޮންނަ ލިމިޓު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާށެވެ. ނަމަވެސް ފަހުން އެކަން ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ބުނީ އެކަން ތަންފީޒު ކުރަން ދަތިތަކެއް އެބަހުރި ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޑޮލަރުގެ ދަތިކަން ބޮޑުވެ، ބްލެކް މާކެޓްގައި ޑޮލަރެއްގެ އަގު 18 ރުފިޔާއިން މަތީގައި ހުންނަތާ ވެސް އެތައް މަހެއް މިވަނީ ވެފައެވެ. މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ މި ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވުމާއެކު ބާޒާރުގެ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލެއެވެ.