ޣައްޒާގެ ދެކުނުގައި ވަރުގަދަ ދަންތުރައެއްގައި ޖައްސައި ޔަހޫދީ ސިފައިންގެ 11 މީހަކު މަރާލައިފި

ޣައްޒާ (12 ފެބްރުއަރީ 2024): ޣައްޒާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޚާންޔޫނުސްއަށް ވަދެގަނެގެން އުޅޭ ޔަހޫދީ ސިފައިން ދަންތުރައެއްގައި ޖައްސައި އޭގެތެރެއިން 11 ސިފައިން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފިކަން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހާމަކޮށްފައިވަނިކޮށް އިސްރާއީލުގެ މީޑީއާއިންވެސް މިކަން ކަށަވަރުކޮށްދީފިއެވެ.

އިސްރާއީލުގެ މިޑިއާއިން ބުނީ ޚާންޔޫނުސްގައި އިސްރާއީލު ސިފައިން ނުރައްކާތެރި ދަންތުރައެއްގައި ޖައްސާފައިވާކަމަށާއި އެސަރަހައްދުގައި ހަމާސްގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާކަމުގައެވެ. އިސްރާއީލުގެ މީޑިއާ އެއްކަމަށްވާ "އިޒްރޭލް ބްރޯޑްކާސްޓިން ކޯޕަރޭޝަން" ބުނިގޮތުގައި ޚާންޔޫނުސްގައި ޖެހުނު ދަންތުރާގައި ހަމާސްގެ އަތްދަށުން އިސްރާއީލު ސިފައިންގެ 11 މީހަކު މަރުވިކަމަށާއި އެމީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

މިދަންތުރާގައި އިސްރާއީލު ސިފައިން ޖެހުނީ ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލު ސިފައިންގެ އަސީރުންތަކެއް މިނިވަންކުރުމަށްޓަކައި އިމާރާތެއްގެ ތެރެއަށް ވަދެގެންއުޅެނިކޮށް ހަމާސްގެ ހަނގުރާމަވެރިން އެއިމާރާތް ވަށާލައި ދިން ކުއްލި ހަމަލާތަކުގައެވެ. އިސްރާއީލު ބުނާގޮތުން ހަމާސްގެ އަތްދަށުގައިވާ އިސްރާއިލުގެ 134 އަސީރުންގެ ތެރެއިން ދެމީހަކު މިއޮޕަރޭޝަންގައިވަނީ މިނިވަން ކުރެވިފައެވެ. ނަމަވެސް މިދެ އަސީރުން މިނިވަންކުރެވުނުކަން ހަމާސްއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހަމާސްއިން ތަންކޮޅެއްކުރިން ބުނިގޮތުގައި ޣައްޒާގެ ޚާން ޔޫނުސްއަށް އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ދިން ހަމަލާތަކެއްގައި އިސްރާއީލުގެ އަސީރުންގެ ތެރެއިން ދެމީހަކުވަނީ މަރުވެފައެވެ. މީގެކުރިންވެސް އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި އިސްރާއީލުގެ އަސީރުން މަރުވެފައިވެއެވެ. އަދި ޣައްޒާއަށް އެއްގަމު މަގުން އަރައި އިސްރާއީލު ސިފައިން ކުރާ ހަނގުރާމައިގައި އޮޅިގެން އެގައުމުގެ އަސީރުންނަށް ހަމަލާދީ ގިނަ އަދަދެއްގެ އަސީރުން އެކިފަހަރުމަތިން މަރާލާފައިވެއެވެ.

މިދިޔަ ޑިސެންބަރު މަހުގައިވެސް ހަމާސްގެ މުޖާހިދުންވަނީ ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެގެން އުޅުނު އިސްރާއީލު ސިފައިންގެ ބަޔަކު ދަންތުރައެއްގައި ޖައްސައި އޭގެތެރެއިން 21 މީހަކު މަރާލާފައެވެ. އޭގެތަންކޮޅެއް ކުރިން ހަމާސްގެ އެހެން ދަންތުރައެއްގައި އިސްރާއީލު ސިފައިން ޖައްސައި އިތުރު އިތުރު ހަތަރު މީހަކު މަރާލާފައިވެއެވެ.

ރޭގައި ޣައްޒާގެ ޚާން ޔޫނުސްގައި އިސްރާއީލު ސިފައިންގެ 11 މީހަކު މަރާލާފައި މިވަނީ ޣައްޒާގެ ދެކުނުގައި އާންމުން އެންމެ ގިނަ ސިޓީކަމަށްވާ "ރަފްހު"އަށް އެއްގަމު މަގުން އަރައިގަނެ ބޮޑު ގަތުލުއާންމުތަކެއް ހިންގުމަށް އިސްރާއީލު ސިފައިން ތައްޔާރުވަމުން ގެންދާ ދަނޑިވަޅެއްގައެވެ.

"ރަފްހު" ސިޓީއަކީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމުތަކުން ސަލާމަތްވުމަށްޓަކައި އާންމުން އެއްވެފައިވާ ސިޓީއެވެ. މިސިޓީއަށް އިސްރާއީލުން ބޮންއަޅައި މިއަދުވެސް 100އަށް ވުރެ ފަލަސްތީނުގެ އާންމުންވަނީ ޝަހީދުކޮށްލާފައެވެ.

ރަފްހު ސިޓީގައި ވަރަށް އާދައިގެ ފޭލިގެތައް ޖަހައިގެން ވަގުތީ ހިޔާވަހިކަން ހޯދައިގެން ވަރަށް ދަތިހާލުގައި ފަލަސްތީނުގެ 1.4 މިލިޔަން މީހުން ދިރިއުޅޭއިރު މިސިޓީއަށް އިސްރާއީލު ސިފައިން އެއްގަމު މަގުން އަރައިގެންފިނަމަ ލައްކައިން މީހުން މަރައި އެސިޓީގެ މަގުތައް ލޭގެ ކޯރަކަށް ހަދާލާވަރުގެ ބޮޑެތި ގަތުލު އާންމުތަކެއް އިސްރާއީލުން ހިންގާނެކަމުގެ ބިރުވަނީ ވަރަށް ބޮޑުވެފައެވެ.

ހަމާސް އިންވަނީ "ރަފްހު" ސިޓީއަށް އިސްރާއީލުގެ ޓެރަރިސްޓް ސިފައިން އަރައިގެންފިނަމަ އެޖަމާއަތުގެ އަތްދަށުގައިވާ އިސްރާއީލުގެ އެއްވެސް އަސީރަކު ސަލާމަތް ނުވާނެކަމުގެ އިންޒާރު ދީފައެވެ. ތިން މަސްވަންދެން ޣައްޒާއަށް ބޮންއަޅައި އެއްގަމުން ހަނގުރާމަކޮށްގެންވެސް އިސްރާއީލަށް ކުރެވިފައިވާ ހަމައެކަނި ކަމަކީ ފަލަސްތީނުގެ ހޮސްޕިޓަލްތަކާއި ގެދޮރަށް ހަމަލާދީ އާންމުން މެރުމެވެ.

މި ތިން މަސްތެރޭގައި އިސްރާއީލު ބުނާގޮތުން ބާރުގެ ބޭނުންކޮށްގެން ހަމާސްގެ އަތްދަށުން މިނިވަން ކުރެވުނީ އެންމެ ދެ އަސީރުންނެވެ. އޭގެބަދަލުގައި ހަމާސްގެ މުޖާހިދުންގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 570 އަށް ވުރެގިނަ އިސްރާއީލު ސިފައިން ޣައްޒާގައި ވަނީ މަރާލާފައެވެ. އަދި އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ 27 ހާހަށް ވުރެގިނަމީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް