އިސްރާއީލުން އަސްކަރީ ޕްރެޝަރު ކުރާނަމަ ޣައްޒާގައި ބަންދުކޮށްފައިތިބި އެ ގައުމުގެ އަސީރުން ފޮނުވާނީ "ސަންދޯކުގައި" ކަމަށް، ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސް އިން އެގޮތަށް ބުނީ އިސްރާއީލުގެ ހަ އަސީރެއްގެ ހަށިގަނޑު ޣައްޒާއިން ފެނުނުތާ ދެ ދުވަސް ފަހުން ނެރުނު ބަޔާނެއްގައި ކަމަށް ހަމާސްގެ އޮފިޝަލެއްކަމަށްވާ ގަސަމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބެއިދާ ވިދާޅުވިއެވެ.
"އަސީރުން ބަދަލުކުރުމުގެ ހުރިހާ އެއްބަސްވުމަކަށް ގަސްތުގައި ހުރަސް އެޅުމަށް ފަހު އަސީރުން މަރުވުމުގެ ފުރިހަމަ ޒިންމާ ނަތަންޔާހޫ އާއި އިސްރާއީލު ސިފައިން ނަގަން ޖެހޭނެ." އެ ބަޔާނުގައިވެއެވެ.
ގަސަމް ބްރިގޭޑްސްގެ އެ ބަޔާން ނެރެފައި ވަނީ، މަރުވި އަސީރުންގެ ހަށިގަނޑު ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހު ސަރަހައްދުގައި ހުރި ޓަނަލަކުން ފެނުމުން، އެމީހުން މަރާލީ ހަމާސް އިން ކަމަށް ނަތަންޔާހޫ ވިދާޅުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
ނަމަވެސް ހަމާސްގެ އިސް އޮފިޝަލު އިއްޒަތު އަލް ރިޝްގު ވިދާޅުވީ އެ ހަ މީހުން މަރުވެފައިވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ކަމަށެވެ.
އަސީރުން މަރުވުމާ ގުޅިގެން އިސްރާއީލުގައި މުޒާހަރާތައް ކުރިއަށް ދިޔައިރު، މުޒާހަރާގެ ބައިވެރިން ބުނީ ނަތަންޔާހޫގެ ސަރުކާރުން ހަމާސްއާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރިނަމަ އެމީހުން ދިރިތިއްބާ އަނބުރާ ގެންދެވުނީސް ކަމަށެވެ.
ނަމަވެސް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ އަކިވާ އެލްދާރު، އަލް ޖަޒީރާއަށް ވިދާޅުވީ މުޒާހަރާ ކުރި ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށާއި އަސީރުން މިނިވަން ކުރުމަށް އެކަމުން މާ ބޮޑު ބާރެއް ނުލިބޭނެ ކަމަށެވެ. އިސްރާއީލުގެ އަސީރުންނަށްވުރެ ނަތަންޔާހޫގެ ސިޔާސީ އަދި އަމިއްލަ އެޖެންޑާ މާ މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް ނަތަންޔާހޫ އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށް އިސްރާއީލުގެ އެންމެ ގާތް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެމެރިކާ، ގަތަރާއި މިސްރު މެދުވެރިވެގެން ހަނގުރާމާ ހުއްޓައިލައި އަސީރުން މިނިވަން ކުރުމާބެހޭ މަޝްވަރާތާއް ކުރިއަށް ގެންދިޔައިރު ވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއްނުވެއެވެ. ހަމާސްއިން ބޭނުން ވަނީ ހަނގުރާމަ ހުއްޓައިލުމަށް ނަމަވެސް ހަމާސް ބަލި ނުކުރެވެނީސް ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލުން ބޭނުމެއްނުވެއެވެ.