ފަލަސްތީނު މީހުން އުރުދުންއަށް ފޮނުވާލުމަކީ ހަނގުރާމަ އިއުލާނު ކުރުން: އުރުދުން

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ (ކ) އާއި ޖަރުމަނުގެ ޚާރިޖީ ވަޒީރު އަނާލީނާ ބާބޮކް (ވ) -- ފޮޓޯ/ޒިންހުއާ

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރިން މީހުން އުރުދުންގެ ސަރަހައްދަށް ފޮނުވާލުމަށް ކުރާ ކޮންމެ މަސައްކަތަކީ ހަނގުރާމަ އިއުލާނު ކުރުން ކަމުގައި އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.

ސަފާދީ އެގޮތަށް ވިދާޅުވީ، އުރުދުންއަށް ދަތުރު ކުރެއްވި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު، އަނަލީނާ ބާބެކްއާއެކު ވެރިރަށް އައްމާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސަފާދީ ވިދާޅުވީ އިސްރާއީލުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނުގައި ސުލްހަ ގާއިމު ކުރުމުގެ ހުރިހާ ދޮރެއް ބަންދުވެފައިވާ ކަމަށެވެ. އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމަށް އުރުދުންއިން ތާއީދުކުރާ ކަމަށާއި، ނަމަވެސް އެކަމަށް ހުރަސް އެޅީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ސަފާދީ ވިދާޅުވިއެވެ.

މީގެ އިތުރުން އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމަށްވެސް ސަފާދީ ވަނީ ގޮވައިލައްވައިފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުވެފައިވާ އިސްރާއީލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވިރް އާއި ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ފަދަ ހަރުކަށި އިސްރާއީލުގެ ވަޒީރުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އޭނާ ޖަރުމަނުވިލާތަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައިގަތުމާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ގާނޫނީ ގޮތުން މައްސަލަ ހުށަހަޅަން އުރުދުންއިން ތައްޔާރުވަމުން އަންނަ ކަމަށް ސަފާދީ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، މުސްލިމުންގެ މުގައްދަސް އެއްވެސް ތަނަކަށް ގެންނަ ބަދަލެއް ބަލައިނުގަންނާނެ ކަމަށާއި، އެކަމާ ގުޅިގެން އިސްރާއީލުގެ ވަޒީރުން ދެއްކެވި ހައްދުފަހަނަޅާފައިވާ ވާހަކަތަކަކީ "ޒިންމާދާރުކަން ކުޑަ" ވާހަކަތަކެއް ކަމަށެވެ.

އެ ވާހަކަފުޅުގައި އެކަމަނާ އިޝާރާތް ކުރެއްވީ މަސްޖިދުލް އަޤްޞާ ހުރި ތަނުގައި ޔަހޫދީން އަޅުކަން ކުރުމަށް ފައްޅިއެއް އަޅާނެ ކަމަށް ގުވިރް ދެއްކެވި ވާހަކަފުޅަށެވެ.

ބާބެކް ވިދާޅުވީ މެދުއިރުމަތީގައި ދާއިމީ ސުލްހަ ގާއިމްކުރުމަށް ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަގީންކަން ދޭންޖެހޭ ކަމަށާއި އެކަމަށްޓަކައި، އަސީރުން ބަދަލުކުރުމުގެ އެއްބަސްވުން މުހިންމު ކަމަށެވެ.

comment ކޮމެންޓް