ފަތުރުވެރިކަމުގެ 78،000 ވަޒީފާއަށް ތިބީ 25،000 ދިވެހީން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފެއް: އެ ދާއިރާގައި ދިވެހީން މާ މަދު -- ފޮޓޯ/ ޔޫއެންޑީޕީ މޯލްޑިވްސް

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން ހިއްސާވަނީ އެންމެ 38.5 އިންސައްތަ ވަޒީފާގައި ކަމަށާއި އެ ސިނާއަތަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ދިވެހި މަސައްކަތްތެރިން ނުއުފެދޭ ކަމަށް, ރާއްޖޭގެ ހިއުމަން ރިސޯސަސް ދާއިރާގެ ބޭފުޅުންތަކެއް ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ 2022 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި 22،244 ދިވެހީން މަސައްކަތް ކުރެއެވެ. އެކަމަކު، އެއީ އެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އެންމެ 38.5 އިންސައްތައެވެ.

ފަތުރުވެރިކަމުގެ މަސައްކަތްތެރިންގެ 61.5 އިންސައްތައަކީ ބިދޭސީންނެވެ. އެގޮތުން، އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި އެ ސިނާއަތުގައި 35،598 ބިދޭސީން ހަރަކާތްތެރިވެއެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި 2027 ވަނަ އަހަރުގެ ނިޔަލަށް މުޅިން އަލަށް ޖުމުލަ 18،658 ދިވެހީން ވަޒީފާގެ ބާޒާރަށް ނުކުންނާނެއެވެ. އެކަމަކު، ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ސިނާއަތަށް ނުކުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ އޭގެ ތެރެއިން 2،439 މީހުންނެވެ.

އެ ދިރާސާއިން އަންދާޒާކުރާ ގޮތުގައި 2027 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތުގައި 25،136 ދިވެހީން މަސައްކަތްކުރާނެއެވެ. އެކަމަކު، އެ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތަށް އަލަށް 78،087 މަސައްކަތްތެރިން ބޭނުންވާނެއެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެ އަދަދަށް މަސައްކަތްތެރިން ނުލިބެއެވެ.

އެހެންވެ، 2027 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި 55،404 ބިދޭސީން މަސައްކަތް ކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ދިރާސާގެ އަލީގައި އަންދާޒާ ކުރާ ގޮތުގައި 2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގެ 38.5 އިންސައްތަ ވަޒީފާގައި ދިވެހީން އުޅުނު ނަމަވެސް 2027ގެ ނިޔަލަށް އެ އަދަދު 32 އިންސައްތައަށް ވެއްޓޭނެއެވެ. އަދި، ބިދޭސީ މަސައްކަތްތެރިންގެ ނިސްބަތް 68 އިންސައްތައަށް އަރާނެއެވެ.

ދިރާސާގެ އަލީގައި ފާހަގަކުރެވުނު ކަންކަން ހައްލުކުރަން އެ ދިރާސާ ހެއްދެވި ބޭފުޅުން ވަނީ މައިގަނޑު ކަމެއްގެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހީން ޝައުގުވެރިކުރުވަން ގޮވާލައިފައެވެ. އެގޮތުން:

  • ޓްރެއިނިން އިންސްޓިޓިއުންޓުތަކާއި ތައުލީމާއި ތަމުރީނުގެ ފުރުސަތުތައް ފަހިކުރުން
  • ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެވޭނެ ސްކޯލާޝިޕްތަކެއް ތައާރަފުކުރުން
  • ކޮންޓްރެކްޓު އުސޫލުންނާއި ފްރީލާންސްކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ފަހިކުރުން
  • ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ވަޒީފާތަކާއި ތައުލީމުގެ ފުރުސަތުތައް އެއް ތަނަކުން ފެންނާނެ ނިޒާމެއް ގާއިމުކުރުން
  • ސްކޫލު ކަރިކިއުލަމްގެ ތެރެއަށް ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީގެ ކަންކަން ވެއްދުން
comment ކޮމެންޓް