ރާއްޖޭގެ އިންވެސްޓްމަންޓު ފޯރަމާއި، ގަވަމަންޓް ސަމިޓަށް ރައީސާއެކު ބޮޑު ވަފުދެއް ދުބާއީއަށް

ޗައިނާގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދުބާއީއިން، މުޙައްމަދު ނާއިލް ޙަފީޒް

ޔޫއޭއީގެ، ދުބާއީގައި މާދަމާ ފަށަން ހަމަޖެހިފައިވާ، ވޯލްޑް ގަވަމަންޓް ސަމިޓަށާއި، ރާއްޖޭން ދުބާއީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާހެން ދިވެހި ސަރުކާރުގެ އިސްވެރިންގެ ބޮޑު ވަފުދެއް މިރޭ ދުބާއީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، އެ މަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިިސަލް ބައިވެރިވެލައްވައެވެ.

ހަމައެއާއެކު ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު (އަސްވާޑު) އާއި އިތުރު ބޭފުޅުން ވެސް ބައިވެރިލައްވައެވެ.

ގަވަމަންޓު ސަމިޓުގައި ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ރާއްޖެ ގަޑިން 16:40 ހާއިރެވެ. މިއީ މި ސަމިޓުގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގެން ތަގުރީރުކުރައްވާނެ ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގެ އެންމެ މުހިންމު އެޖެންޑާއަކީ ދުބާއީގައި ބާއްވާ އިންވެސްޓް މޯލްޑިވްސް ފޯރަމެވެ. ޔޫއޭއީގައި ހުންނަވާ، ދިވެހި ސަރުކާރުގެ އެމްބެސެޑާ އެޓް ލާޖް މުޙައްމަދު ހުސައިން ޝަރީފް (މުންދު) ދަތުރުގައި ބައިވެރިވާ ނޫސްވެރިންނަަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ފޯރަމުގައި 300 އާ ގާތްކުރާ އަދަދަކަށް ބައިވެރިން ރަޖިސްޓަރުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިތައް ހިމެނޭކަމަށް ވެސް މުންދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުބާއީގެ އިންވެސްޓަރުންނަކީ ރާއްޖޭގައި ގިނަ ދާއިރާތަކަކަށް އިންވެސްޓުކުރާ ބައެއް ކަމަށެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ އިންވެސްޓްމަންޓުތައް މި ގައުމުގެ ވިޔަފަރިވެރިން ރާއްޖެއަށް ކުރަމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާރު ޔޫއޭއީގައި ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި ދިރިއުޅެމުން އަންނަކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުންދު ވިދާޅުވީ، މި ފޯރަމުގައި ދުބާއީގެ އިންވެސްޓަރުންނަށް ސީދާ ރައީސާ ބައްދަލުކުރުމުގެ ފުރުސަތު ވެސް އެ ކަމަށް އެދޭ ވިޔަފާރިވެރިންނަށް ދޭނެ ކަމަށެވެ. އަދި ވަކިވަކި މިނިސްޓަރުންނާ ބައްދަލުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޗައިނާގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދުބާއީގައި ބިޔަ އިންވެސްޓްމަންޓު ފޯރަމެއް ރާއްޖެއިން ބާއްވަން ތައްޔާރުވަމުން އަންނައިރު، މިފަހުން ރައީސް ޗައިިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ވަނީ އެ ގައުމުގައި ރާއްޖޭގެ އިންވެސްޓްމަންޓު ފޯރަމެއް ބާއްވައިފައެވެ.

އެ ފޯރަމްގެ ތެރެއިިން އެ ގައުމުގެ ބައެއް ވިޔަފާރިތަކުން ވަނީ ރާއްޖޭގައި މިހާރު ރައީސް އިއުލާނުކުރައްވައިފައިހުރި މަޝްރޫއުތައް ހިންގުމަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފައެވެ.

comment ކޮމެންޓް